ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އިދިކޮޅުން ލާމަށް

އާނިފާ ހުސެއިން ސިރާޖް

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭނު ކުރުމުގެ ގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ލާމު އަތޮޅަށް ފުރައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މަސައްކަތާ ބެހޭގޮތުން މައުލުމާތު ދެއްވުމަށް މިރޭ ވެލާނާ އިއާޕޯޓު ރަސްމީ ޖެޓީ ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ހަރަކާތްތައް ވަރަށް ބާރަށް އަތޮޅުތަކުގައި ހިނގަމުން އެބަދާ ކަމަށާއި މިހާރު މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުންނާއި އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ސޮއިކުރަމުންދާ ޕެޓިޝަނުގެ މަސައްކަތް ކަމަށެވެ.

"އެގޮތުން މިހާރުވެސް އަޅުގަނޑުމެންގެ ޓީމުތައް ރާއްޖޭގެ އެތައް މިތާންގައި އެބަ ހަރަކާތްތެރިވޭ. އޭގެތެރޭގައި އައްޑޫ އަތޮޅުގައި އަޅުގަނޑުމެންގެ ޓީމެއް ހަރަކާތްތެރިވަމުން އެބަދޭ. ގދ. ގައި ހަރަކާތްތެރިވަމުން އެބަދޭ. އަދި ގއ. ގައި ހަރަކާތްތެރިވަމުން އެބަދޭ. ތ އަތޮޅުގައި ހަރަކާތްތެރިވަމުން އެބަދޭ. އޭގެ އިތުރުން އަދި އަޅުގަނޑުމެންގެ ޓީމުތައް ނުދިޔަ ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފޯރިއާއެކީގައި މި މަސައްކަތް އެބަ ކުރިއަށްދޭ." އަދުރޭ ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓީމެއް މިރޭ ލ. އަތޮޅަށް ފުރި އިރު، އެ ކޯލިޝަންގެ ޓީމެއް މާދަމާ މ. އަތޮޅަށް ފުރުމަށް ހަމަޖެހިފައިވެއެވެ.

"ދަތުރުގެ ބޭނުމަކީ އަޅުގަނޑުމެންގެ ޕާޓީގެ ރޫހު އަތޮޅުތަކުގައި ވަރުގަދަކުރުމާއި އަދި ރައީސް ޔާމީނަށް އޮތް ތާއީދު ވަރުގަދަކުރުމަށް މަސައްކަތް ކުރުމާއި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕެޓިޝަންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް. އޭގެ އިތުރުން ލޯކަލް ކައުންސިލްގެ އިންތިހާބަށް ތައްޔާރުވުން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން އަދިވެސް ހުންނެވީ ސާބިތުކަން މަތީގައި ކަމަށާއި އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް ބޮޑުނުން ކާމިޔާބު ކުރުމަށްޓަކައި ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުން، ހާއްސަގޮތެއްގައި ރައީސް ޔާމީނަށް ސަޕޯޓުކުރާ ހުރިހާ ފަރާތްތަކުން މަސައްކަތްކުރުން ކަމަށެވެ. އެގޮތުން އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގައި ޕާޓީއަށް ތާއީދު އިތުރުވަމުންދާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އެންމެފަހުން ދިޔައީ ދ.ކުޑަހުވަދޫއަށް. މި ދަތުރަކީ ކުޑަހުވަދޫ ރައްޔިތުން އެދިގެން ކުރި ދަތުރެއް. އަޅުގަނޑުމެން އިސްނަގައިގެންނެއް ނޫން. އެރަށު ރައްޔިތުން އަމިއްލައަށް ބޭނުންވީ ރައީސް ޔާމީން ޖަލުގައި ހުންނެވީމަ އެމަނިކުފާނު ދޫކޮށްލަން ގޮވާލާ އެއްވުމެއް ބާއްވަން. އަދި އެ އެއްވުމުގައި ޕާޓީގެ ލީޑާޝިޕުން ބައިވެރިވުމަށް އެދުނީމަ އަޅުގަނޑުމެން އެރަށަށް ދިޔައީ." އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.