ޚަބަރު

ވެރިކަމުގައި ހުންނެވި އިރަށްވުރެ މިހާރު އަތޮޅުތެރޭން ރައީސް ޔާމީނަށް އޮތް ތާއީދު ބޮޑު: އަދުރޭ

އާނިފާ ހުސެއިން ސިރާޖް

1

ވެރިކަމުގައި ހުންނެވި އިރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އޮތް ތާއިދަށްވުރެ، މިހާރު އެމަނިކުފާނަށް އަތޮޅުތެރޭން އޮތް ތާއީދު މާ ބޮޑުކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މަސައްކަތާ ބެހޭގޮތުން މައުލޫމާތު ދެއްވުމަށް މިރޭ ވެލާނާ އިއާޕޯޓު ރަސްމީ ޖެޓީ ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް އޮތް ތާއީދު ދަނީ އިތުރުވަމުން ކަމަށެވެ.

"ތާއީދު އިތުރުވަމުންދާކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ސަބަބަކީ ދެދުވަހުގެ ތެރޭގައި ކުޑަހުވަދޫ ރައްޔިތުންގެ ތެރެއިމް 951 ބޭފުޅަކު ވަނީ ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ ސޮއިކުރާ ޕެޓިޝަނުގައި ސޮއިކުރައްވާފައި،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ ޖަލުގައި އޮންނަންޖެހޭނެ ބޭފުޅެއް ކަމަށް ދިވެހި ރައްޔިތުން ގަބޫލު ނުކުރާ ކަމަށާއި އެމަނިކުފާނަކީ އެއަށްވުރެ މާ ހިދުމަތްތެރި، މާ އިހިލާސްތެރިކަމާއި ވަފާތެރިކަމާއެކު ގައުމަށް ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.

"ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިއީ ސިޔާސީ ގޮތުން ދައުވާކޮށް ސިޔާސީ ގޮތުން ދެމުންގެންދާ އަނިޔާއެއް. އެހެންކަމުން އަތޮޅުތެރޭގައި ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރަށްވުރެވެސް މިހާރު އެމަނިކުފާނަށް އޮތް ތާއީދު މާ ބޮޑުތަނުންވެސް އިތުރުވަމުން ދަނީ،" އޭނާ ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީން އަތޮޅުތެރޭގައި ކެމްޕޭނުކުރުމަށް މިހާރު ކުރައްވާ ދަތުރުތައް ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ ކުރާ ކޮންމެ ދަތުރެއްގައިވެސް އެތައް ސަތޭކަ މީހުންނެއް ރަށްރަށުން ޕާޓިއަށް ވަންނަމުންދާ ކަމަށެވެ. އަދި އަމިއްލައަށް އެކަމަށް މަސައްކަތްނުކުރި ނަމަވެސް، ރަށްރަށުގައި ތިބި ސަޕޯޓަރުން އިސްނަގައިގެން ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށާއި އެގޮތުން ކޮންމެ ދުވަހަކީ ވެސް ޕާޓީއަށް އާ މެމްބަރުންތަކެއް ގުޅެމުންދާ ދުވަހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ޕީޕީއެމް ޕީއެންސީ، ދެޕާޓީގެ ލީޑާޝިޕް އޮތީ ވަރަށް ވަރުގަދަކޮށް ސާބިތުކަމާއެކީ ކަމަށާއި ބޭނުމީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ދަތުރުކުރުމަށް ކަަމަށެވެ.

"އަޅުގަނޑުމެންގެ 2023 ގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން. އެހެން އެއްވެސް ބޭފުޅަކަށް އަޅުގަނޑުމެންގެ ރިޔާސީ ޓިކެޓު ހޯދުމުގެ ފުރުސަތެއް ނެތް. ޕީޕީއެމް ޕީއެންސީ ބައިބައި ކުރުމުގެ މަސައްކަތް ދުރުގައި ތިބެގެން ނުކުރޭ. ދެން އެކި ގޮތްގޮތައް ހަބަރު ހައްދަވާ ފޮޓޯ ޖައްސަވައި އެ ކުރައްވާ މަސައްކަތަކީ ބޭކާރު މަސައްކަތެކޭ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ،" އޭނާ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވާ އިރު، ރައީސް ޔާމީން މިނިވަންވާނެ ކަމަކަށް ނުދެކޭ ކަމަށާއި މިއަދު އިދިކޮޅުން ދާނެ މަގެއް ނެތް ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ އިދިކޮޅު އިތުރު ފިކުރެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟