ކައުންސިލްތައް މެދުވެރިކޮށް ޕާސްޕޯޓަށް ހުށަހެޅުމުގެ ހިދުމަތް މޯލްޑިވްސް އިމިގްރޭޝަނުން ތައާރަފުކޮށްފިއެވެ.
އިމިގްރޭޝަނުން "ރަށުން" މި ނަމުގައި ތައާރަފުކުރި އެ ހިދުމަތަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ހިދުމަތް، ރާއްޖޭގެ އެކި ރަށްތަކަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި އަލަށް ތައާރަފު ކުރެވުނު ހިދުމަތެކެވެ. އެ ހިދުމަތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އަތޮޅު އަދި ރަށު ކައުންސިލްތަކާއި ގުޅިގެންކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
ތ. އަތޮޅުން ފެށި އެ ހިދުމަތާއެކު، ތ. ވޭމަންޑޫ ކައުންސިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ. އެގޮތުން ހުށަހަޅާ ހުރިހާ ލިޔެކިޔުމެއް ފުރިހަމަނަމަ، ރަސްމީ ބަންދު ނޫން ގަޑިތައް ނުހިމެނޭގޮތަށް، 48 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ނިމޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އަދި ޕާސްޕޯޓު ނިމުމުން، އިމިގްރޭޝަންގެ އޮފީސްތައް ގާއިމުކޮށްފައިވާ ހުރިހާ ރަށަކުން ވެސް ޕާސްޕޯޓާ ހަވާލުވެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އެ ހިދުމަތާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވީ އެ ހިދުމަތް ތައާރަފުވެގެން މި ދިޔައީ ޖަޒީރާ ދިރިއުޅުމެއް ރާއްޖޭގެ ރައްޔިތުންނަށް ގެނެސް ދިނުމުގެ މަގުސަދުގައި ކަމަށެވެ. އަދި އެ ހިދުމަތް ތައާރަފުވެގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ގަޑުބަޑުވެފައިވާ ލާމަރުކަޒީ ނިޒާމު އިސްލާހުކުރުމުގެ ގޮތުންނާއި ރަށު ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ކަމަށް ވެސް ހަނަފީ ވިދާޅުވިއެވެ.
މިއަދު ތައާރަފް ކުރި "ރަށުން" ހިދުމަތް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި އަތޮޅުތަކުގައި ފެށުމަށް އިމިގްރޭޝަނުން ވަނީ ނިންމައިފައެވެ. އެ ހިދުމަތުގެ މަގުސަދަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން، އިމިގްރޭޝަނުން ދޭ ހިދުމަތްތައް ލާމަރުކަޒީކޮށް، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް ހުރިހާ ރައްޔިތުންނަށް ލުއިފަސޭހަ ވާނެގޮތަށް ހަމަހަމަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އިމިގުރޭޝަނުން ވަނީ ބުނެފައެވެ.