ޚަބަރު

ޕީޕީއެމްގެ ލީޑަރަކީ އަދި ރިޔާސީ ކެންޑިޑޭޓަކީ ވެސް ރައީސް ޔާމީން: ޑރ. ޝަހީމް

މަރިޔަމް ޝަހުދާ

1

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީޕީއެމްގެ ލީޑަރަކީ އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ޔާމީނަށް އިންސާފު ލިބެން ޖެހޭ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް އެދޭ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

"އެމަނިކުފާނު ގެއަށް ބަދަލު ކޮށްދެއްވުމަށް ވެސް އެދެން. އަދި ދުއާއަކީ ހިދުމަތްތެރި ރައީސް ޔާމީން ވީ އެންމެ އަވަހަކަށް މިނިވަންވުން،" ޑރ. ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޝަހީމު މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ސިޔާސީ ފިކުރަށް ކޮޅު ބެދިފައިވާ ކަމަށާއި މިހާރު ބޭނުންވަނީ އާ ވިސްނުމެއް ކަމަށް ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވާތީ، އޭނާއަށް އިދިކޮޅުގެ ބައެއް އިސް ބޭބޭފުޅުން ދަނީ ރައްދު ދެއްވަމުންނެވެ.

އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވީ، ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން ރާއްޖެއަށް ބޭނުންވަނީ ރައީސް ޔާމީންގެ ވިސްނުމާއި ފިކުރު ކަމަށެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު އިއްޔެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ޕީޕީއެމް މަސައްކަތް ކުރަންވީ ގޮތް އެއްވެސް ޕާޓީއަކަށް ބުނެދޭން ނުޖެހޭނެ ކަމަށެވެ. އަދި ޕީޕީއެމްގެ ލީޑާޝިޕް އޮތީ "ސަޅިކޮށް" ހީވެސް ނުކުރާހާ ބަދަހިކޮށް ކަމަށާއި ޕީޕީއެމް ހިންގާނީ ރައީސް ޔާމީން ބޭނުންވާ ގޮތަށް ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟