އައިސީއެސް މޯލްޑިވްސްގެ ފަރާތުން އަންނަ ފެބުރުއަރީ މަހު ބޭއްވުމަށް ހަމަޖައްސާފައިވާ "ޒީރޯ ޕްލާސްޓިކް" ރަންގެ މީޑިއާ ޕާޓްނަރަކަށް "ވަން އޮންލައިން" ހަމަޖައްސައި، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ޒީރޯ ޕްލާސްޓިކް ރަންގެ މީޑިއާ ޕާޓްނަރަކަށް ވަން އޮންލައިން ހަމަޖެއްސުމަށް މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ވަން މީޑިއާ ގްރޫޕުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެސިސްޓަންޓް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފެވެ. އަދި އައިސީއެސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ޗީފް އެޕަރޭޓިން އޮފިސަރު މުހައްމަދު ނާވީ އާދަމެވެ.
ޒީރޯ ޕްލާސްޓިކް ދުވުމަކީ، އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށާއި، ދިރޭތަކެއްޗައް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން މުޖުތަމައު ހޭލުންތެރި ކުރުވުމުގެ ގޮތުން ބާއްވާ ދުވުމެކެވެ.
އަންނަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
އެންމެ ފުރަތަމަ މި ދުވުން ބާއްވާފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ފަސް ކިލޯމީޓަރުގެ އެ ދުވުމުގައި ޖުމުލަ 1000 މީހުން ބައިވެރިވެފައިވާ ކަމަށް އައިސީއެސް އިން ބުންޏެވެ.
އެގޮތުން، މިއަހަރު ބޭއްވި ޒީރޯ ޕްލާސްޓިކް ރަންއެކޭ އެއްފަދައިން، އަންނަ އަހަރުގެ ރަން ވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އެއްވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުން ކޮށްފައި އުކައިލެވޭ ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކޮށެވެ.