ޚަބަރު

އަމާޒަކީ ހުރިހާ މިސްކިތްތައް ދެއަހަރާ ބައިގެ ތެރޭގައި އޭސީކޮށް ނިންމާލުން: އިސްލާމިކް މިނިސްޓަރު

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ ހުރިހާ މިސްކިތްތައް ކުރިއަށް އޮތް ދެ އަހަރާ ބައިގެ ތެރޭގައި އޭސީކޮށް ނިންމާލުމަކީ އަމާޒެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ނ. ކެނދިކުޅުދޫ މަސްޖިދުލް އީމާން އޭސީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ވެސް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތައް އޭސީކުރުމުގެ މަސައްކަތް ކުރިއަށް ރޭވި ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ ހުރިހާ މިސްކިތްތައް އޭސީކޮށް ނިންމާލުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

ކެނދިކުޅުދޫ މަސްޖިދުލް އީމާންގައި އެއާކޯނު ޔުނިޓުތައް ބަހައްޓައި، ސޯލާ ޕެނަލް ހަރުކޮށް، ކަރަންޓު ވިއުގައާ ގުޅާލުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާއެވެ. ވިހި ދުވަސް ތެރޭގައި އެ މަސައްކަތް ނިންމުމަށް އެ ކުންފުންޏާ ހަވާލުކުރީ 827،500 ރުފިޔާއަށެވެ.

ރާއްޖޭގެ ހުރިހާ މިސްކިތްތައް ސޯލާ ޕެނަލް ނުވަތަ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.