ރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެ ސިޓީ ފުރެން އަދި ކައިވެސް ނުވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ފުރެން އަދި ކައިރިވެސް ނުވާ ކަމަށާއި ސަބަބަކީ މާލެއަކީ މިހާރު ހުޅުމާލެ ފޭސް 2، ވިލިމާލެ، ގުޅިމާލެ އަދި ތިލަމާލެ ކަމަށާއި މި ވެގެންދަނީ ބޮޑު ޝަހަރަކަށް ކަމަށެވެ.
"މި ވެގެންދާނީ ބޮޑު ޝަހަރަކަށް. ހައުސިންގެ ތަފާތު ވެރައިޓީ އަންނަންވީ. ޕަބްލިކް ޓްރާންސްޕޯޓު، ގުރީން އޭރިއާ، ޕާކިން، ޝޮޕިން މޯލް، ސިނެމާ އަންނަންވީ. އަދި (މާލެ) ފުރިހަމަވާން ކައިރިވެސް ނުވޭ." މިނިސްޓަރު މަލީހުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، މާލެ ތޮއްޖެހިފައި ކަމަށާއި ގެދޮރުގެ އަގު ބޮޑު ކަމަށް ބުނެ މާލޭގައި ކުށްޔަށް އުޅޭ ފަރާތްތައް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެ މައްސަލައާ ދެކޮޅަށް އަޑު އުފުލައި، މާލޭގައި ކުށްޔަށް ދިރިއުޅޭ މީހުންގެ ހައްގުތަކަށް ގޮވާލުމަށް އުފައްދާފައިވާ މާލެ ޓެނަންޓްސް ޔޫނިއަނުން ގެންދަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއި ކުރަމުންނެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ، މާލޭގެ ކުލީގެ މައްސަލަ ހައްލުކުރެވެން އޮތީ މާލޭގައި ދިރިއުޅުމަށް މަޖުބޫރުވެފައިވާވުން ބަދަލު ކުރެވިގެން ކަމަށެވެ.
"މާލޭގެ ކުލީގެ މައްސަލަ ހައްލުވާނީ މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާވުން ކުޑަކުރުމުން. މާލޭގެ ގެދޮރަށް އޮތް ޑިމާންޑު ދައްވާނޭ ގޮތް ހެދުމުން. މާލެއަށް އޮތްޖެހުން އިތުރުވާނެ ޕްރޮޖެކްޓުތައް އެހެން ސަރަހައްދުތަކަށް ގެންދިއުމުން. މާލެ ފުރި ބަންޑުންވެއްކެ ކަމަށް ގަބޫލުކުރުމުން،" އަލީ ހުސެއިން ވިދާޅުވެފައިވެއެވެ.