ކުލި ކުޑަވާންޖެހޭ ސަބަބެއް ނެތް ކަމަށާއި ކުއްޔަކީ ކޮންޓްރޯލް ކުރަން ޖެހޭ އެއްޗެއް ކަމުގައި ނުދެކޭ ކަމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހުސެއިން ޝަހީމު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރުން ފެށިގެން އަމަލު ކުރުމަށް ފާސްކޮށްފައިވާ އިންކަމް ޓެކްސް ގާނޫނުގެ ސަބަބުން މާލޭގެ ކުލި ބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އާދަޔާ ހިލާފަށް ކުލި ބޮޑުވާންޖެހޭ ނުވަތަ އާދަޔާ ހިލާފަށް ކުލި ކުޑަވާންޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ހުސެއިން ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ކުލި ބޮޑު ކުރަންޖެހޭ ވަކި ސަބަބެއް، އިންކަމް ޓެކްސް ބިލު ފާސް ކުރުމަކުންނެއް ނާދެ. ކުލި އާދަޔާ ހިލާފަށް ބޮޑުވާންޖެހޭ ސަބަބެއް ވެސް ނެތް. ކުޑަވާންޖެހޭ ސަބަބެއް ވެސް ނެތް. ކޮންމެހެން މާބޮޑަކަށް. އެއީ އަދި ކޮންޓްރޯލް ކުރަންޖެހޭ އެއްޗެއް ކަމަށް ވެސް އަޅުގަނޑު ނުދެކެން،" ހުސެއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެކި މީހުން އިމާރާތް ކުރުމަށް ހޭދަކުރާ މިންވަރު ތަފާތުވާއިރު، ސަރުކާރަށް ކުލި ކޮންޓްރޯލު ކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. ސަބަބަކީ މާލޭ މީހުން ގެދޮރު ބިނާ ކުރަނީ ވިޔަފާރި އުސޫލުން ލޯނު ނަގައިގެން ކަމުންނާއި ވިޔަފާރި އުސޫލުން ލޯނު ނަގައިގެން ގެ އިމާރާތް ކުރުމަށްފަހު ކުރު މުއްދަތެއްގެ ތެރޭ ލޯނު ދައްކަން ޖެހޭއިރު ކުލީގެ އަގު ވަކި ވަރަކަށް ވުރެ އަގުހެޔޮ ނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑަކަށް ގަބޫލު ކުރާކަށް ފަސޭހައެއް ނޫން، ހަމަ އެއްވެސް ގޮތެއް ނެތިގެން ކޮންމެ އަގެއްގައިވެސް ހިފަން ޖެހެނީއޭ، އަދި އެހާވަރަކަށް މާލޭގައި ކުލިތައް، ޗޮއިސް ނެތިގެން ދިޔަހެނެއް." ހުސެއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލޭގައި ކުއްޔަށް ތަން ހިފުމަށް އިތުރު ގޮތެއް ނެތް ކަމުގައި ގަބޫލުކުރެވެން ނެތް ކަމަށާއި އަދި އެއްވެސް ގޮތެއް ނެތިގެން ކިތަންމެ ބޮޑު އަގެއްގައި ނަމަވެސް ތަން ހިފަން ޖެހޭކަމީ އެކަން ގަބޫލު ކުރަން ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ކެމްޕެއިނަށް ގެއިން ގެޔަށް ދިޔައިރު އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވުރެ މާލޭގައި އުޅޭ މާލޭ ރަށްވެހިން މާ ހާލުގައި ދިރިއުޅޭކަން ފާހަގަވި ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވި ގޮތުގައި، މާލޭގައި ކުލި ކުޑަވާން އޮތް ގޮތަކީ މާލޭގެ ލޯޑު ކުޑަވެގެން ކަމަށެވެ.