ޚަބަރު

ސީއެންއެންއިން ހޮވި 2020ގައި ދާން އެންމެ އެންމެ ރަނގަޅު ހޮޓާތަކުގެ ތެރޭގައި ރާއްޖޭގެ ރިސޯޓެއް

2

އެމެރިކާގެ މަޝްހޫރު މީޑިއާ ކުންފުނި، ސީއެންއެން އިން ހޮވި، އަންނަ އަހަރު ޗުއްޓީ ހޭދަކޮށްލަން ދާން އެންމެ ރަނގަޅު އާ ހޮޓާތަކުގެ ތެރޭގައި ރާއްޖޭގެ ރިސޯޓެއް ހިމެނިއްޖެއެވެ.

ޖުމްލަ 20 ހޮޓާ/ ރިސޯޓު ހިމެނޭ އެ ލިސްޓުގައި ހިމެނިފައިވަނީ ރ. ހުރުވަޅީގައި ހަދާފައިވާ އެމެރިކާގެ ދަ ސްޓޭންޑާޑް ހޮޓެލްސް އިން ހިންގާ ދަ ސްޓޭންޑާޑް މޯލްޑިވްސްއެވެ. އެ ލިސްޓުގައި ހިމެނޭ ރާއްޖޭގެ ހަމައެކަނި ރިސޯޓަކީ ވެސް އެ ރިސޯޓެވެ.

ސީއެންއެން އިން ބުނެފައިވާ ގޮތުގައި، ދަ ސްޓޭންޑާޑް މޯލްޑިވްސްއަކީ ރާއްޖޭގެ އެހެން ގިނަ ރިސޯޓުތަކުން ލިބޭ ރޮމޭންޓިކް ނުވަތަ ހަނީމޫނު މާހައުލާ ތަފާތުކޮށް، މުނިފޫހިފިލުވުމާއި މަޖާކޮށްލެވޭނެ މާހައުލެއް ހިމެނޭ ރިސޯޓެކެވެ.

އެގޮތުން އެ ރިސޯޓުގައި ބީޗުގައި އަލިފާންގަނޑު ޖަހައިގެން ތިބުމާއި ކަރޯކޭ އަދި މޫދު ފެންނަ ގޮތަށް ތިރީގައި ބިއްލޫރި ޖަހާފައިވާ ނައިޓު ކުލަބެއް ހިމެނޭއިރު، ކޮންމެ ކޮޓަރިއެއްގެ ފާހާނާގައިގައި ޑިސްކޯ ބޯޅައެއް ހަރުކޮށްފައި ހުރެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ހުރުވަޅި ފުރަތަމަ ހުޅުވީ ކާޕޭޑިއަމް ބީޗް ރިސޯޓް އެންޑް ސްޕާގެ ނަމުގައެވެ. އެތަނާ ދަ ސްޓޭންޑާޑް ހޮޓެލްސް އިން ހަވާލުވުމަށްފަހު ބައެއް ބަދަލުތަކާއެކު އަލުން ހުޅުވީ މިދިޔަ މަހުގެ ކުރީކޮޅުއެވެ. އަދި މިއީ ދަ ސްޓޭންޑާޑް ހޮޓެލްސް އިން އޭޝިއާގައި ހުޅުވި ފުރަތަމަ ހޮޓަލެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕުލޭނެއްގައި ފުރައިގެން 35 މިނެޓުން ދެވޭ ދަ ސްޓޭންޑާޑް މޯލްޑިވްސްގައި އޯވާވޯޓާ ވިލާ އަދި ބީޗު ވިލާ ހިމެނޭ ގޮތަށް 115 ވިލާސް ހިމެނެއެވެ. އަދި ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހިމެނެއެވެ.

މި ރިސޯޓުގައި ދިވެހި ރަހަތަކަށް ހާއްސަ ރެސްޓޯރެންޓަކާއެކު ޖުމްލަ ހަ ރެސްޓޯރެންޓު/ ބާ ހިމެނެއެވެ. އަދި ދަ ސްޓޭންޑާޑް ސްޕާގައި ނުވަ ޓްރީޓްމަންޓް ރޫމް ހިމެނޭއިރު، ހަށިގަނޑުގެ ދުޅަހެޔޮކަން ކުރިއެރުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލްކަން ހޯދާފައިވާ ތަފާތު އެކި ޓްރީޓްމަންޓްތައް މި ތަނުން ލިބެން ހުރެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟