ޚަބަރު

މާފަރު އެއާޕޯޓު ބޮޑު ކުރަން އީޕީއޭއިން ހުއްދައެއް ނުދިން

މަރިޔަމް ޝަހުދާ

1

ނ. މާފަރުގައި ތަރައްގީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުއަށް ހުއްދަ ނުދޭން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.

އެ މަޝްރޫއުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމަށްފަހު އީޕީއޭއިން މިއަދު ބުނީ، އެ މަޝްރޫއު ކުރިއަށްގެންދަން ބޭނުންވާ ސަބަބަކީ ބޮއިންގް 777 ޓްވިން ޖެޓް ޖެއްސޭ ވަރަށް އެއާޕޯޓުގެ ރަންވޭ ބޮޑު ކުރުމަށް ކަމަށް ބުނެފައިވީ ނަމަވެސް ދުރު ރާސްތާއެއްގައި އެކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމާއި އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ލިބޭ ގެއްލުމާ އަޅައި ނުކިޔޭނެ ކަމަށެވެ.

އޭގެ އިތުރުން ކުރު މުއްދަތެއްގެ ތެރޭގައި މާފަރު އެއާޕޯޓަށް ޖައްސާ ބޮޑެތި މަތިންދާ ބޯޓުގެ އަދަދު މަދުވާނެ ކަމަށް ބެލެވޭއިރު، ދިގު މުއްދަތަކަށް ބަލާއިރު އެ އަދަދަށް އަންނާނެ ބަދަލެއް އެނގެން ނެތްކަން ވެސް ފާހަގަކޮށްފައިވެއެވެ. އަދި މަޝްރޫއު ކުރިއަށްގެންދިއުމަށް ބިން ހިއްކަން ޖެހޭއިރު އޭގެ ސަބަބުން މާފަރުގެ ފަޅަށާއި ވަށައިގެންވާ ސަރަހައްދުގެ ދިރުންތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެފައިވެއެވެ.

މާފަރު އެއާޕޯޓު އެޅުމަށް އެރަށުން މިހާރުވެސް ބިން ނަގާފައިކަން ފާހަގަކޮށް އީޕީއޭ އިން ބުނީ، އެ މަޝްރޫއަށް ރަށުން ނަގާފައިވާ ބިމުގެ ބަދަލުގައި، އެއާޕޯޓު ބޮޑުކުރުމަށް ފަޅު ހިއްކުމަކީ ކުރަން ރަނގަޅުކަމެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ފަޅު ހިއްކުމުގެ މަސައްކަތައް ވެލި ނަގަން ހަމަޖައްސާފައިވާ ސަރަހައްދަކީ ގިނަ އަދަދަކަށް ވެލާ ކަހަނބު އުޅޭ ސަރަހައްދެއްކަން ވެސް އީޕީއޭއިން ފާހަގަކޮށްފައިވެއެވެ.

އެ އެޖެންސީން އިތުރަށް ވަނީ، މާފަރު އެއާޕޯޓު މަޝްރޫއަށް ފަޅުން ހިއްކުމަށް ހަމަޖައްސާފައިވާ ސަރަހައްދު ސާފު ކުރުމަށް ބޭނުން ކުރުމަށް ނިންމާފައިވާ "ސީއެސްޑީ ޑްރެޖިން" އާމެދު ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެކަމަކީ ގިނަ ވަގުތުތަކެއް ހޭދަވާ ކަމެއްކަމުން، ކަނޑުގެ ދިރުންތަކަށްކުރާ އަސަރާމެދު ކަންބޮޑުވާ ކަމަށާއި "ސީއެސްޑީ ޑްރެޖިން"ގެ ބަދަލުގައި "ޓީއެސްއެޗްޑީ ޑްރެޖިން" ބޭނުންކޮށްގެން ފަޅު ހިއްކާނަމަ މާފަރު ފަޅުން ބޭރަށްވެސް އޭގެ އަސަރު ކުރާނެ ކަމަށެވެ.

އޭގެ އިތުރުން މާފަރަކީ ވެލާ ބިސްއެޅުމަށް އަރާ ރަށަކަށްވާއިރު، އެ ރަށުގެ ފަޅުން ބޮޑުބައެއް ހިއްކުން ވެގެން ދާނީ އެރަށަށް ބިސްއަޅަން އަރާ ވެލާތައް ބޭނުން ކުރާ ސަރަހައްދު ގެއްލޭނެ ކަމެއްކަން ވެސް އީޕީއޭ އިން ފާހަގަކުރިއެވެ. އެގޮތުން އެކަމުގެ ސަބަބުން ސީދާ ވޭލާ ކަހަނބަށް އަސަރު ކުރާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.

މާފަރު އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއަށް ޖުމްލަ 22،000 ރުއްގަސް ކަނޑަން ޖެހޭއިރު އެއީ ރަށުގެ ފެހި ކަމަށް ބޮޑު ބަދަލެއް ގެންނާނެ ކަމެއްކަން ވެސް އީޕީއޭއިން ފާހަގަކުރެއެވެ. އަދި މަޝްރޫއަށް ކަނޑާ ރުއްގަހުގެ ބަދަލުވެސް ކަނޑައާޅާފައިނުވާ ކަމަށް އީޕީއޭއިން ބުނެއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވާ، ދަތުރުތައް ފަށާފައިވަނީ މިމަހު އެއްވަނަ ދުވަހުއެވެ. މި އެއާޕޯޓަކީ އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. އަދި މި އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ކަމަށްވާ އެއާބަސް އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެއް އޮންނަ އެއާޕޯޓެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟