އާއަހަރު ފާހަގަކުރުމަށް ބާއްވާ ކައުންޓްޑައުން ޝޯ މި އަހަރު ވެސް ބާއްވަން މިނިސްޓްރީ އޮފް ޓޫރިޒަމުން ނިންމައިފިއެވެ.
މިއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާ އަހަރު ފާހަގަކުރުމަށް ޝޯއެއް ބާއްވާ ފުރަތަމަ ފަހަރެވެ. ޓޫރިޒަމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ މި ފަހަރުގެ އާ އަހަރުގެ ޝޯގައި ބައިވެރި ވާނީ ރާއްޖޭގެ ފާހަގަކޮށްލެވޭ ފަންނާނުން ކަމަށެވެ. ޝޯގެ ޕްރޮމޯޝަން ވީޑިއޯގައި ފެންނަ ފަންނާނުންގެ ތެރޭގައި ހިމެނެނީ ޝަލަބީ އިބްރާހިމާއި ޒާރާ މުޖްތަބާއި މުހައްމަދު ޝިއުޒްގެ އިތުރުން ބޮޑުބެރު ބޭންޑެއް ކަމުގައިވާ "ނާބަ" ބޭންޑެވެ.
އާ އަހަރު ފާހަގަކުރުމަށް ބާއްވާ ހާއްސަ ޝޯ ފެށޭނީ އަންނަ އަންގާރަ ދުވަހުގެރޭ 8:30ގައި ކާނިވާ ސަރަހައްދުގައެވެ.
އާ އަހަރު ފާހަގަކުރުގެ ހަރަކާތްތައް ސަރުކާރުން ކުރިއަށްގެންދަން ނިންމާފާވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަވާގެ ކުޅިވަރުތަކާ އެކު ކޮންމެ އަހަރެއްގެ އާ އަހަރުވަނީ ފާހަގަކޮށްފައެވެ. އެ ޝޯތައް ރާއްޖޭން ބޭރުގެ ފަންނާނުން ގެނެސްގެން ކުރިޔަށް ގެންގޮސްފައި ވާއިރު އެކަމަށް ގިނަ ބަޔެއްގެ ފާޑުކީއިރު، މިހާރު ވެރިކަމުގައި ތިބި ފަރާތްތައްވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ފާޑުކިޔުން އޭރު ބޮޑަށް އަމާޒުވީ ނިވާކަން ކުޑަ ހެދުން ތައް އަޅައިގެން ނެށުމާއި ގައިގޯޅިކޮށް ދެޖިންސުގެ މީހުން މަސްހުނިވާ ފަދަ ހަރަކާތްތައް އެ ޝޯތަކުގައި ކުރިޔަށް ގެންގޮސްފައި ވާތީ އެވެ. އާއަހަރު ފާހަގަ ކުރުމުގެ ހަރަކާތް އޭރު ކުރިޔަށް ގެންގޮސްފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގުޅިގެންނެވެ.