ޚަބަރު

ޖަަވާބުދާރީ ކުރުވަން ސުވާލު ކުރުމަކީ ނަފްރަތު އުފެއްދުން ކަމަކަށް ގަބޫލެއް ނުކުރަން: ރާއްޖެ ޓީވީގެ ސީއޯއޯ

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަވާބުދާރީ ކުރުވުމަށް ޓަކައި، އެމަނިކުފާނާ ސުވާލު ކުރުމަކީ ނަފުރަތު އުފެއްދުން ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު ވިދާޅުވެއްޖެއެވެ.

ފިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ޚިޔާލުފުޅަށް އިހުތިރާމް ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު ޖަވާބުދާރީ ކުރުވަން ސުވާލުކުރުމަކީ ނަފުރަތު އުފެއްދުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ފިޔާޒު މިފަދަ މޭރުމަކުން ޓުވީޓު ކުރައްވާފައި މިވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ރާއްޖެ ޓީވީގެ ބޭނުމަކީ ޚިޔާލުތަފާތުވުންތައް އުފައްދައި، ނަފުރަތު އުފެއްދުން ކަމަށް ވިދާޅުވި މައްސަލައިގައެވެ.

ރޭ ގެނެސްދިން ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވެފައި ވަނީ ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން ޕްރެސެންޓަރު ސުވާލުކުރުމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރެވޭނީ ބަރުލަމާނީ ނިޒާމެއް އޮވެގެން ކަމަށާއި، 2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ބޭއްވި އިންތިޚާބުގައި ވޯޓް އޮޅުވާލާފައިވާ ކަމަށެވެ.

"ރާއްޖެ ޓީވީގެ ބޭނުމަކީ ހިޔާލު ތަފާތުކުރުމާއި ނަފުރަތު އުފެއްދުމާއި ފޯލްޓް ލައިނެއް ގެނައުން، އެހެންނަމަވެސް ގަބޫލު ކުރައްވާ، ދެނެވަޑައިގަންނަވާ، އަޅުގަނޑުމެންގެ އަތް ވެސް ނުގުޑާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ސޯލިހު އާއި ދެބޭފުޅުން ތިއްބެވީ ބަދަހިކޮށް ކަމަށާއި، އެގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް ތިއްބަވާނެ ކަމަށެވެ.

އަދި ނޫސްވެރިން ބޭނުން ވަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ބައިވަރު ސުވާލުތަކެއް އުފެއްދުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ނޫސްވެރިކަމުގައި އެއީ ރަނގަޅު ކަމަކަށް ވެސް ވެދާނެ ކަމަށާއި، އެހެންނަމަވެސް އެ ދަރަޖައަަށް އެމަނިކުފާނު ނުވެއްޓޭނެ ކަމަށް ވެސް ވިދާޅުވިއެވެ.