ޚަބަރު

ސާވިސް ޗާޖު ކަނޑައަޅާނީ މިނިސްޓަރެއް ނޫން، އަލީ ވަހީދު ކަންކަން ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން: ގާސިމް

ރިސޯޓު މުވައްޒަފުންގެ ސާވިސް ޗާޖް ކަނޑައަޅާނީ މިނިސްޓަރު ނޫން ކަމަށާއި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ހުރިހާ ކަމެއްވެސް ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖާ ގުޅޭގޮތުން ދާދި ފަހުން މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން މިނިސްޓަރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ޖުމްހޫރީ ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އަލީ ވަހީދުގެ ދިފާއުގައި އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަލީ ވަހީދަކީ ގާބިލު ހިންގުންތެރި ވަޒީރެއް ކަމަށާއި ކޮންމެ ކަމަކާ ގުޅޭ ކަމެއް ވިޔަސް، މިނިސްޓަރު ކަންތައްތައް ކުރައްވާ ގާނޫނީގޮތުން އެކަމެއް ކުރައްވަން އޮތް ގޮތަށް ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ގާބިލު ހިންގުންތެރި ވަޒީރެއް. ޓުއަރިޒަމް އިންޑަސްޓްރީއަށް ވިޔަސް މުވައްޒަފުންނާ ބެހޭ ކަމެއް ވިޔަސް، އެކަމެއް ކުރައްވާނީ ގާނޫނީ ގޮތުން ކުރެވެން އޮތް ގޮތަކަށް ކަން ޔަގީން. މުސާރަ އާއި ސާވިސް ކަނޑައަޅާނީ މިނިސްޓަރެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ގާސިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މިއަދު އަލީ ވަހީދުގެ ދިފާއުގައި ވާހަކަފުޅުދައްކަވައިފައެވެ. ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިސްޓަރު އަލީ ވަހީދަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަމަށާއި އެމްޑީޕީގެ ސިޔާސަތު މިނިސްޓަރަށް ސާފުވާނެ ކަމަށެވެ.

"މިވީ އެއް އަހަރު ޓުއަރިޒަމް މިނިސްޓްރީއަށް ވަނީ ހެޔޮ ބަދަލު އަންނަން ފަށާފައި، މިނިމަމް ވޭޖާއި ސާވިސް ޗާޖު މައްސަލަ ހައްލު ކުރެވޭނެ. މިނިސްޓަރު އަލީ ވަހީދަށް އިތުބާރު ކުރަން،" ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މިދިޔަ ބުދަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖު ދޭ އަދަދުތައް މިނިސްޓްރީން ފެންނަން އެބަހުރި ކަމަށެވެ. އަދި ސިނާއަތުގައި އިންވެސްޓް ކޮށްގެން ތިބި މައިގަނޑު ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ބައެއް ފަހަރު ރިސޯޓުން ކަނޑާލުމުން އެކުއްޖާ ދައްކާ ވާހަކަ މެއިން ސްޓްރީމުވާ ކަމަށާއި އެ ޝަކުވާތައް ގިނަ ފަހަރު ޓުވީޓު ކޮށްފައި ހުންނަނީވެސް ވަގު އެކައުންޓުތަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމުން މިނިސްޓަރު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖާ ގުޅޭ ގޮތުން މީޑިއާގައި ދެއްކެވި ވާހަކައިގެ މަފްހޫމު ނުވަތަ މާނައިން އެންމެ ރައްޔިތަކުވެސް ހިތުގައި ނުތަނަވަސްކަމެއް ވާނަމަ މައާފަށް އެދޭ ކަމަށެވެ. އަދި ރިސޯޓު މުވައްޒަފުންނާއި އިންޑަސްޓްރީގެ މަސައްކަތްތަކުގެ މަހުން މަހަށް މީޑިއާއާއި ރައްޔިތުންނަށް ހިއްސާ ކުރައްވާ ކަމަށާއި ކުރާ އިހުލާސްތެރި މަސައްކަތް މިނާނީ ރައްޔިތުން ކަމަށް ވެސް ވިދާޅުވިއެވެ.