މާލޭގައި ބިދޭސީ ދެ ގުރޫޕެއްގެ މެދުގައި މާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުން ބުނީ މިރޭ 7:02 ހާއިރު މަޖީދީމަގުގައި ބިދޭސީ ދެ ގުރޫޕެއްގެ މެދުގައި މަރާމާރީއެއް ހިނގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އެ މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި އަނިޔާ ލިބުނު މީހާ ހިމެނޭގޮތަށް އެ މާރާމާރީގައި ޝާމިލުވާ ބިދޭސީ ހަތަރު ފިރިހެނުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ރޭވެސް މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ވަނީ ޒަހަމްކޮށްލައިފައެވެ. ރޭގެ މާރާމާރީގައި ހަމަލާދީ ޒަހަމުކޮށްލާފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކާނިވާ ސަރަހައްދުގައި ހުއްޓައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރޭގެ ހަމަލާއާ ގުޅިގެން ފުލުހުން ބުނީ އޭނާއަށް ހަމަލާދިނީ އޭނާގެ ވޮލެޓް ފޭރިގަތުމަށް ކަމަށާއި އެ ހަމަލާގައި އޭނާގެ އަތުގެ ކުޑަ ހުޅުން މަތިން 2-3 އިންޗިވަރު ފުންކޮށް ކަފާލާފައިވާ ކަމަށެވެ.