ޚަބަރު

ބިދޭސީންނަށް ކޯޓާ ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެސްފި

މުހައްމަދު ޝަހީމް

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަޒީފާ ދޭ ފަރާތްތަކަށް ކޯޓާ ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއަށް ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ވަޒީފާދޭ ފަރާތްތަކުން މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ އިރު، ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި ވެވޭ ޕްރޮޖެކްޓް އެގްރީމަންޓް ކޮޕީ ހުށަހެޅުމުގެ ބަދަލުގައި، ދެން ހުށައަޅަން ޖެހޭނީ "ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމެންޓް ފޯމް" ކަމަށެވެ.

އެ ފޯމަކީ ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ފަރާތާއި ކޯޓާއަށް އެދި ހުށަހަޅާ މަސައްކަތް ނުވަތަ ޕްރޮޖެކްޓު އެފަރާތާ ހަވާލުކުރެވިފައިވާކަން ކަށަވަރު ކުރުމުގެ ގޮތުން، ކަމާގުޅޭ އެއްބަސްވުމުގައި ހިމެނޭ މައުލޫމާތު ފުރިހަމަކޮށް ހުށަހަޅަންޖެހޭ ފޯމެއް ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ. އަދި ފޯމް ހުށައަޅާނީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށް؛ ނުވަތަ ސިވިލް ކޯޓުގައި ރަޖިސްޓްރީކުރުމަށްފަހު ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ ފޯމް ފުރިހަމަކޮށް ހުށަހަޅާފައި ނުވާނަމަ، އެޕްލިކޭޝަން ފުރިހަމަ ނޫންކަމަށް ނިންމޭނެ ކަމަށާއި އެ ފޯމު ހުށަހަޅާ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، މިނިސްޓްރީން ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުންތަކުގެ އަސްލު ބޭނުންވެގެން އެދިއްޖެނަމަ އެ އެއްބަސްވުންތަކުގެ އަސްލު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެގްރީމަންޓް ފޯމް މިނިސްޓްރީގެ ވެބްސައިޓުންނާއި އެކްސްޕެޓް އޮންލައިން ސިސްޓަމުން ވެސް ލިބޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ވަޒީފާދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާ އިރު، ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.