ޚަބަރު

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބު، ނަތީޖާ ދަނީ ފެންނަމުން: މާރިޔާ

މަރިޔަމް ޝަހުދާ

1

ޓެރަރިޒަމްގެ އިތުރުން ހަރުކަށި ފިކުރާ ގުޅިގެން ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބު ކަމަށާއި އެކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ މައްސަލައިގައި ސަރުކާރުން ބޭނުންވީ ސަރުކާރުން މިކަމުގައި ދެކޭގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ކަމަށެވެ. އަދި އެ ދެކަމުން ގައުމު ސަލާމަތް ކުރުމަކީ ގައުމުގެ ހަމަޖެހުމަށް ކިހާ މުހިއްމުކަމެއްކަން ރައްޔިތުންނަށް އަންގައިދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތަށް ދީނީ އިލްމުވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭ ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ ސަބަބުން މުޖުތަމައުއަށް ކުރިމަތިވާ ނިކަމެތިކަން ހުއްޓުވުމަށް ދީނީ އިލްމުވެރިން ސަރުކަރާއެކު މަސައްކަތް ކުރައްވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުން ސަމާލުވެ ކަންކަމަށް ލޯ ހުޅުވިގެން ތިބުން މުހިއްމު ކަމަށް މނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ކިރިޔާވެސް ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫއަރާނެ ފަދަ ކަމެއް ފާހަގަވި ނަމަވެސް ކަމާ ބެހޭ ފަރާތްތަކަށް އެކަން އެންގުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެކަމެއްގެ މައުލޫމާތު ވީހާވެސް އަވަހަކަށް ކަމާބެހޭ ފަތާތްތަކާއި ހިއްސާ ކުރެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟