ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިނިސްޓަރު އަލީގެ ދިފާއުގައި ވާހަކަފުޅު ދައްކަވައިފިއެވެ.
ރައީސް ނަޝީދު މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައި މިވަނީ، ޓޫރިޒަމް މިނިސްޓްރީން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖާ ގުޅޭ ގޮތުން މިނިސްޓަރު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.
އެ ވާހަކަތަކާ ގުޅިގެން މިނިސްޓަރު އަލީއަށް ފާޑުކިޔުން އަމާޒުވެ، މަގާމުން އިސްތިއުފާ ދިނުމަށް ވެސް ދަނީ ގޮވާލަމުންނެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިނިސްޓަރު އަލީ ވަހީދަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަމަށާއި އެމްޑީޕީގެ ސިޔާސަތު އޭނާއަށް ސާފުވާނެ ކަމަށެވެ.
"މިވީ އެއް އަހަރު ޓުއަރިޒަމް މިނިސްޓްރީއަށް ވަނީ ހެޔޮ ބަދަލު އަންނަން ފަށާފައި، މިނިމަމް ވޭޖާއި ސާވިސް ޗާޖު މައްސަލަ ހައްލު ކުރެވޭނެ. މިނިސްޓަރު އަލީ ވަހީދަށް އިތުބާރު ކުރަން،" ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
މިދިޔަ ބުދަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖު ދޭ އަދަދުތައް މިނިސްޓްރީން ފެންނަން އެބަހުރި ކަމަށެވެ. އަދި ސިނާއަތުގައި އިންވެސްޓް ކޮށްގެން ތިބި މައިގަނޑު ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ބައެއް ފަހަރު ރިސޯޓުން ކަނޑާލުމުން އެކުއްޖާ ދައްކާ ވާހަކަ މެއިން ސްޓްރީމުވާ ކަމަށާއި އެ ޝަކުވާތައް ގިނަ ފަހަރު ޓުވީޓު ކޮށްފައި ހުންނަނީވެސް ވަގު އެކައުންޓުތަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމުން މިނިސްޓަރު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖާ ގުޅޭ ގޮތުން މީޑިއާގައި ދެއްކެވި ވާހަކައިގެ މަފްހޫމު ނުވަތަ މާނައިން އެންމެ ރައްޔިތަކުވެސް ހިތުގައި ނުތަނަވަސްކަމެއް ވާނަމަ މައާފަށް އެދޭ ކަމަށެވެ.
އަދި ރިސޯޓު މުވައްޒަފުންނާއި އިންޑަސްޓްރީގެ މަސައްކަތްތަކުގެ މަހުން މަހަށް މީޑިއާއާއި ރައްޔިތުންނަށް ހިއްސާ ކުރައްވާ ކަމަށާއި ކުރާ އިހުލާސްތެރި މަސައްކަތް މިނާނީ ރައްޔިތުން ކަމަށް ވިދާޅުވިއެވެ.