ޚަބަރު

އައްޑޫ ސިޓީގައި މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން މަރުވެއްޖެ

އަހުމަދު ޖައިޝަން

އައްޑޫ ސިޓީގައި އޮންނަ ގައުކެނޑި ކޯޒްވޭ ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެނބިގެން ޒުވާނަކު މަރުވެއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަންސް އޮފިސަރު އިބްރާހީމް އާޒިމް ވިދާޅުވީ މޫދަށް އެރެން ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔައީ 18 އަހަރުގެ ޒުވާނެއް ކަމަށެވެ. ހޯދަމުން ދަނިކޮށް އޭނާ ފެނިފައިވަނީ މަރުވެފައި އޮއްވައި ކަމަށެވެ. އޭނާ ފެނިފައި ވަނީ ކިހާ ހިސާބަކުންކަން ނޭނގޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

މައުލޫމާތު ލިބޭގޮތުގައި އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.

އެ މައްސަލަ އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 2:45 ހާއިރު ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޒުވާނާ ގެއްލިފައި ވަނީ މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަނެގެން ކަމަށެވެ. އެ ސަރަހައްދަށް ގެއްލުނު ޒުވާނާއާ އެކު އިތުރު ދެމީހަކު ވަނީ ގޮސްފައި ކަމަށް އާޒިމް ވިދާޅުވިއެވެ. އެކީގައި ތިން ޒުވާނުން މޫދަށް ގޮސް އުޅެނިކޮށް އެކަކު ގެއްލުނުއިރު އަނެއް ދެ ޒުވާނުންގެ ހާލު ރަނގަޅު ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.