ޚަބަރު

މަޑުއްވަރިން ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި

މަރިޔަމް ޝަހުދާ

ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ރ. މަޑުއްވަރީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން އިތުރު 10 ދުވަސް ޖަހައިފިއެވެ.

އެ ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހު މަޑުއްވަރީންނެވެ. އަދި ހައްޔަރުކޮށް އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. އެ ތިން މީހުންގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން އިތުރު ކޮށްދީފައި މިވަނީ އެ ބަންދުގެ މުއްދަތު ހަމަވުމުންނެވެ.

މަޑުއްވަރީގައި ހިންގި އޮޕަރޭޝަނަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ހަރުކަށި ފިކުރުތަށް ތަބާވެ، ޖަމާއަތުން ވަކިވެ، ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ އަމަލުތަކަށް މީހުން އަހުކުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމަށް އެރަށުގައި ހިންގާ ހަރަކާތްތައް ހުއްޓުވައި، އެފަދަ މީހުން ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނެކެވެ.

އެގޮތުން އޮޕަރޭޝަންގައި ފާސްކުރި ގެތަކުގައި އުޅޭ ކުޑަކުދިންނަށް ވެކްސިން ދިނުމާއި ތައުލީމުން މަހުރޫމް ކުރެވިފައިވާކަން ފާހަގަކުރެވުނުއިރު، އެ އޮޕަރޭޝަންގައި ހަރުކަށި ފިކުރާއި ގުޅުންހުރި އަދި ހެކީގެ ގޮތުގައި ބެލެވޭ ވަރަށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތަކާއި ސައްހަ ނޫން ކައިވެނީގެ ސެޓްފިކެޓްތަކެއް ފުލުހުން ވަނީ ހޯދައިފައެވެ.