ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން ރާއްޖެއަށް ބޭނުންވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވިސްނުމާއި ފިކުރު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ޝިޔާމު މިހެން ވިދާޅުވީ، އިދޮކޮޅު ސިޔާސީ ފިކުރަށް ކޮޅު ބެދިފައިވާ ކަމަށާއި ބޭނުންވަނީ އާ ވިސްނުމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވަމުން ކުރެއްވި ޓުވީޓެއްގައެވެ.
ޝިޔާމު ވިދާޅުވީ، ގައުމު މިހާރު ދަތުރުކުރަމުންދާ މިސްރާބާމެދު އެއްވެސް އަމިއްލަ އެދުމެއް ނެތި ވިސްނާ ކަމަށްވާނަމަ މި ގައުމަށް ބޭނުންވަނީ ރައީސް ޔާމީންގެ ފިކުރުކަން އެނގޭނެ ކަމަށެވެ.
"ގައުމު ދަތުރުކުރަމުން މިދާ މިސްރާބާއި ދޭތެރޭ އަމިއްލަ އެދުމެއް ނެތި ވިސްނާ ފިކުރު ކުރާ ފަރާތްތަކަށް ޝައްކެއްނެތް މިންވަރަށް ޔަގީންވާނެ މިގައުމަށް ބޭނުންވަނީ ރާއީސް ޔާމީންގެ ވިސްނުމާއި ފިކުރުކަން. އިދިކޮޅުގައި އިތުރު އެހެން ވިސްނުމެއް ނެތް،" ޝިޔާމު ވިދާޅުވިއެވެ.
ރައީސް ޔާމީން މިނިވަންވާނެ ކަމަށް ނުދެކޭ ކަމަށާއި މިއަދު އިދިކޮޅަށް ދާނެ މަގެއް ނެތް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވުމުން އެކަމާ ގުޅިގެން އުމަރު ވިދާޅުވީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ކުރިއަށް އަދި ފަހަތައް ޖެހެވޭކަށް ނެތް ކަމަށެވެ. އަދި މިއީ އެމްޑީޕީ އިން އުފާކުރާ ހާލަތެއް ކަމަށާއި އެހާލަތު ބަދަލު ކުރެވޭނީ އެހެން ވިސްނުމެއް ނެރެގެން ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.