މާލޭގައި ގެދޮރަށް އޮތް ޑިމާންޑު ދަށްކޮށްގެން ނޫނީ މާލޭގެ ކުލީގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
މާލޭގައި ކުލީގެ އަގު އުފުލުމުގެ މައްސަލައާ ދެކޮޅަށް އަޑު އުފުލާ، ޕެޓިޝަނެއްގައި ސޮއި ކުރަމުންދާ ދަނޑިވަޅެއްގައި އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގެ ކުލީގެ މައްސަލަ ހައްލުކުރެވެން އޮތީ މާލޭގައި ދިރިއުޅުމަށް މަޖުބޫރުވެފައިވާވުން ބަދަލު ކުރެވިގެން ކަމަށެވެ.
"މާލޭގެ ކުލީގެ މައްސަލަ ހައްލުވާނީ މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާވުން ކުޑަކުރުމުން. މާލޭގެ ގެދޮރަށް އޮތް ޑިމާންޑު ދައްވާނޭ ގޮތް ހެދުމުން. މާލެއަށް އޮތްޖެހުން އިތުރުވާނެ ޕްރޮޖެކްޓުތައް އެހެން ސަރަހައްދުތަކަށް ގެންދިއުމުން. މާލެ ފުރި ބަންޑުންވެއްކެ ކަމަށް ގަބޫލުކުރުމުން،" އަލީ ހުސެއިން ވިދާޅުވެފައިވެއެވެ.
މާލޭގައި ކުލީގެ އަގު އުފުލުމުގެ މައްސަލައާ ދެކޮޅަށް އަޑު އުފުލާ، ޕެޓިޝަނެއްގައި ސޮއި ކުރުމަށް އިސްނެގީ މާލެ ޓެނަންޓްސް ޔޫނިއަން އިންނެވެ. އެ ޖަމިއްޔާއަކީ މާލޭގައި ކުށްޔަށް ދިރިއުޅޭ މީހުންގެ ހައްގުތަކަށް ގޮވާލުމަށް އުފައްދާފައިވާ އަމިއްލަ ޖަމާއަތެކެވެ. އެމީހުން އިއްޔެ ވަނީ ކުލި ކޮންޓްރޯލު ކުރުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް އެ ޕެޓިޝަނަށް އާންމުގެ ސޮއި ހޯދުމަށް ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
އެ ޖަމިއްޔާއިން މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނައިރު ސަރުކާރު ފަރާތުން ވެސްވަނީ ކުއްޔާބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައިފައެވެ. އެބިލުގައި ކުލި ކޮންޓްރޯލު ކުރުމާގުޅޭ ބައެއް ހިމަނާފައިނުވި ނަމަވެސް، ރަޖިސްޓްރީނުކޮށް މާލޭއިން ތަންތަން ކުއްޔަށް ދިނުން ވަނީ މަނާކޮށްފައެވެ. އަދި ކުއްޔަށް ދިރިއުޅޭ މީހުންގެ ބައެއް ހައްގުތައް ވެސް އެބިލުގައި ހިމަނާފައިވެއެވެ.