އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހިމެނޭ އިސް ބޭފުޅުންނާއެކު ދުޅަހެޔޮ ސިއްހަތަށް ބާރުއަޅުވާ ހަރަކާތް "ދުޅަހެޔޮ ހަށިހެޔޮ" ސްޕޯޓްސް ފެސްޓިވަލް ފަށައިފި އެވެ.
މިއަދާއި މާދަމާ ކުރިއަށް ގެންދާ އެ ސްޕޯޓްސް ފެސްޓިވަލްގައި ރައީސް ސޯލިހް އާއި އެމަނިކުފާނުގެ ކެބިނެޓުގައި ހުވާކުރެއްވި ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
އެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ހަރާކާތްތަކުގެ ތެރޭގައި ޓެނިސް އާއި ޗެސް އާއި ކްރިކެޓާއި ބީޗް ވޮލީގެ އިތުރުން ސްވިމިން ހިމެނެއެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ރައީސް ސޯލިހް އެފަދަ ފެސްޓިވަލެއް ބޭއްވުމަށް ނިންމާފައި ވަނީ ކުޅިވަރު އަހުލާގު އާލަކޮށް ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގެ ނިޔަތުގައި ކަމަށެވެ.
މާލޭގެ ހަތަރު ސަރަހައްދެއްގައި ކުރިއަށްދާ އެ ފެސްޓިވަލްގައި މޫދު އަދި އެއްގަމު ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފެސްޓިވަލް ކުރިއަށް ދާނީ ޓްރެކް ސަރަހައްދާއި ރާޅުގަނޑު ސަރަހައްދާއި އިއްޒުއްދީން ފާލަން އަދި ކުޅިވަރު އެކުވެނި ސަރަހައްދުގައެވެ.