ޚަބަރު

ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

އިބްރާހިމް ޒަކީ

މިރޭ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގީ ބޮޑުތަކުރުފާނު މަގުގައި ކަމަށެވެ.

މިރޭ 11:26 ހާކަންހާއިރު ހިނގި މި ހާދިސާގައި ޒަހަމްވި މީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކާނިވާ ސަރަހައްދުގައި އޮއްވާ ފުލުހުގޮސް އޭނާ ނަގައިގަނެގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާއަށް ހަމަލާދިނީ އޭނާގެ ވޮލެޓް ފޭރިގަތުމަށް ކަމަށާއި، ދިން ހަމަލާގައި އޭނާގެ އަތުގެ ކުޑަ ހުޅުން މަތިން 2-3 އިންޗިވަރު ފުންކޮށް ކަފާލާގައިވާ ކަމަށެވެ.

ފޭރުމަށް މިރޭ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާއިރު މިމަހުގެ ހަތަރުވަނަ ދުވަހު ހުޅުމާލޭގައި، ފޭރުމަށް މީހަކަށް ވަޅިން ހަމަލާދީ މަރާލާފައި ވެއެވެ.

ހުޅުމާލޭން ޓެކްސީ ޑްރައިވަރެއް ކަމުގައިވާ އދ. މާމިގިލީ، ގާސިމް ހަސަން، 59އ ގެ ކަރަށް ވަޅި ޖަހައި މަރާލާފައިވަނީ، 21 އަހަރުގެ ޒުވާނެއްް ކަމުގައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގޭ، އަދުހަމް މުހައްމަދު އެވެ.