ޚަބަރު

މާލޭގެ ކުލީގެ މައްސަލައަށް އޮތް ހައްލަކީ އިތުރު ގާނޫނުތައް އައުމެއް ނޫން: މަލީހު

އާނިފާ ހުސެއިން ސިރާޖް

މާލޭގައި ކުއްޔަށް ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ކުލީގެ މައްސަލަޔަށް އޮތް ހައްލަކީ އިތުރު ގާނޫނުތައް އައުން ނޫން ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަލީހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ ކުލީގެ މައްސަލައަށް އޮތް ހައްލަކީ އިތުރު ގާނުނުތައް އައުން ނޫން ކަމަށާއި، ކުއްޔަށް ދާއިމީ ހައްލު ލިބޭނީ އިތުރު ހައުސިން، ބާޒާރަށް ނެރެވިގެން ގެދޮރުވެރި ކުރެވިގެން ކަމަށެވެ.

"އާމްދަނީ ލިބޭނެ ގޮތް، ކޮލެޓީ ތައުލީމު، ވަޒީފާ، ރަނގަޅު ދިރިއުޅުން ލިބިގެން ނޫނީ ރަށަށް އަނބުރާ ނުދާނެ." ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ، މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ކޮންޓްރޯލް ކުރަން ގޮވާލައި މަޖިލީހަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި މިއަދު ސޮއިކުރަން ފަށާފައި ވަނިކޮށެވެ. މި ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ފެށީ މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ގެ ނަމުގައި ދާދިފަހުން އުފެއްދި ޖަމްއިއްޔާ އިންނެވެ.

އަދި ކުއްޔަށް ދޫކުރާ ތަންތަނުން ނަގާ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދެ މަހުގެ ކުއްޔަށްވުރެ އިތުރަށް ނުނެގޭ ގޮތަށް ގާނޫނުގައި ކަނޑައަޅުމަށް ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދޫކުރުމާއި ބެހޭ ގާނޫނުގެ ބިލެއް ވެސް މިހާރު ވަނީ މަޖިލީހަށް ފޮނުވައިފައެވެ.