ޚަބަރު

އަންހެނުނަށް ފުރުސަތު ހޯދައިދިނީ ގައުމު ތަރައްގީ ކުރަން: އާޒިމު

އާނިފާ ހުސެއިން ސިރާޖް

އަންހެނުންނަށް ފުރުސަތު ހޯދައިދިނީ ގައުމު ތަރައްގީކުރަން ބޭނުންވާލެއް ބޮޑުކަމުން ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވިދާލުވެއްޖެއެވެ.

ސީއެންއެމްގެ "އިތުރު ކާފު" ޕްރޮގުރާމުގައި މިރޭ ވާހަކަ ދައްކަވަމުން އާޒިމު ވިދާޅުވީ، ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ދިނުމަށް ނިންމައި ލާމަރުކަޒީ ގާނޫނު ފާސްކުރީ ގާނޫނާ ހިލާފަށް ކަމަށް ބައެއް ބޭފުޅުން ވިދާޅުވާ ނަމަ، މަޖިލީހުން ހަދާ ގާނޫނު ބާތިލުކުރުމުގެ ހައްގު ސުޕުރީމް ކޯޓަށް ލިބިފައިވާ ކަަމަށާއި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ހައްގުވެސް ކޮންމެ ރައްޔިތަކަށް ލިބިފައިވާ ކަމަށެވެ.

އާޒިމު ވިދާޅުވީ ތަރައްގީ ވެފައިވާ ގައުމުތަކަށް ބަލައިލާއިރު، ރައްޔިތުންގެ ބައިވެރިވުމުގެ ތެރޭގައި އަންހެނުންގެ ބައިވެރިވުން ބޮޑަށް އޮންނަ ގައުމުތައް ކުރިއަރައިގެން ދާލެއް އަދި ކުރިއަރާލެއްވެސް އަވަސް ކަމަށެވެ.

"އެ (ތަރައްގީ ވެފައިވާ) ގައުމުތަކުގައި އެ (އަންހެނުންނަށް) ފުރުސަތުތައް ދެމުން ދިޔައި އަޅުގަނޑުމެން މި ފެށި ގޮތައް. އެހެންވީމާ އަޅުގަނޑުމެންވެސް ކުރިއަރަން ބޭނުންވާ ގައުމެއް ކަަމަށް ވަނީ ނަމަ، އަޅުގަނޑުމެން އެބަޖެހޭ އަންހެނުންގެ ބައިވެރިވުން ކަންކަމުގައި އިތުރުކުރަން." އާޒިމު ވިދާޅުވިއެވެ.

ސިޔާސީ ކަންތައް ތަކުގައި، ބަސް ބުނުމާއި، ގާނޫނު ހެދުމުގައިވެސް އަންހެނުންގެ ދައުރު އިތުރުކުރަން ޖެހޭ ކަން ފާހަގަކުރައްވައި އާޒިމު ވިދާޅުވީ ލޯކަލް ކައުންސިލް ތެރޭގައިވެސް ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި ކަންކަން ނިންމުމުގައި އަންހެނުންގެ ބަހެއް އޮންނަންޖެހޭ ކަމަށެވެ.

"ކަން ދިމާކުރި ގޮތުން އަޅުގަނޑުމެންގެ ސަގާފަތާ ކަންކަން ހުރިގޮތުން، އަންހެނުންނަށް ނުކުމެ މިކަންކަމުގައި އުޅުމުގެ ފުރުސަތު ވަރަށްބޮޑުތަން ކުޑަވެގެން ގޮސްފަ ކުރިން އޮތީ. އެހެން ނަމަވެސް މިހާރު އެބަ އަންހެނުންގެ ދައުރު ފުޅާވެ، ނުކުމެވޭ." އާޒިމު ވިދާޅުވިއެވެ.

އެހެންނަމަވެސް ހަމަހަމަކަމާއެކު ވާދަކުރުމުގެ ފުރުސަތު މިހާރު އަންހެނުންނަށް ނެތްކަމަށް ގަބޫލުކުރައްވާކަން ފާހަގަކުރައްވައި އާޒިމު ވިދާޅުވީ އެ ފުރުސަތު ހޯދައި ދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"މިކަމާ އިދިކޮޅު ހަދާ ބޭފުޅަކުވެސް ގަބޫލުކުރާނެ ނެތްކަން ހަމަހަމަކަމާއެކު ވާދަކުރުމުގެ ފުރުސަތެއް އަންހެނުންނަށް އަޅުގަނޑުމެން ފިރިހެނުންނާ ތަފާތުކަން ކަންކަމުގަ. އެހެންވީމާ އެ ފުރުސަތު ހޯދައި ދިނުމުގެ ވިސްނުމުގައި ހަގީގަތުގަ ފަހުންވެސް 33 ފަސެންޓު އަންހެނުންނަށް" ދޭން ނިންމީ ކަމަށް އާޒިމު ވިދާޅުވިއެވެ. "އެހެންކަމުން އެ ފުރުސަތު އަޅުގަނޑުމެން މި ހޯދައިދިނީ ގައުމު ތަރައްގީކުރަން ބޭނުންވާލެއް ބޮޑުކަމުން." ކަމަށްވެސް އާޒިމު ވިދާޅުވިއެވެ

ޖެހިގެން އޮތް ލޯކަލް ކައުންސލް އިންތިހާބު އަންނަ އޭޕްރީލު މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައި ވާއިރު، 33 އިންސައްތަ އަންހެނުންނަށް ހާއްސަކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސިޓީތަކުން އަންހެނުންނަށް ހާއްސަކުރެވިފައިވާ ދާއިރާތައް މިހާރު ވަނީ ކަނޑައަޅާފައެވެ.