މަނީ ލޯންޑަރުންގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ ހުކުމުން ދީފައިވާ އަދަބަކީ، ހައްގު އަދަބެއް ކަމަށް ޕީޕީއެމްގެ މެންބަރުން ވެސް ގަބޫލުކުރާ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވިދާޅުވެއްޖެއެވެ.
ސީއެންއެމްގެ މިރޭގެ "އިތުރުކާފު" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، ނުހައްގުން ރައީސް މުހައްމަދު ނަޝީދު ޖަަލަށް ލުމާއެކު އެމްޑީޕީން ވަނީ މަގުތަކަށް ނުކުމެފައި ކަމަށާއި، ގެއަށް އަނބުރާ ވަނީ ރައީސް ނަޝީދު މިނިވަންކުރުމަށް ފަހު ކަމަށެވެ. ސަބަބަކީ އެއީ ނުހައްގުން ދިން އަދަބެއް ކަމަށް ގަބޫލުކުރާތީ ކަމަށް އާޒިމު ވިދާޅުވިއެވެ.
ނަމަވެސް ރައީސް ޔާމީނަށް ދިން އަދަބަކީ ނުހައްގުން ދިން އަދަބެއް ކަމަށް މީހުން ގަބޫލު ނުކުރާ ކަމަށް އާޒިމު ވިދާޅުވިއެވެ. "މިއަދު ޕީޕީއެމްގެ ހުރިހާ މެންބަރުންވެސް ގަބޫލުކުރަނީ ނޫނެކޭ މީ ހައްގު އަދަބެކޭ ޔާމީނަށް މި ލިބެނީ. މަދު މެންބަރުން ކޮޅެއް އަބްދުއްރަހީމު މެން ކަހަލަ ބޭފުޅުން ނުކުމެ، ސައީދުމެން ވިދާޅުވެދާނެ ފަހަރެއްގައި ނުހައްގު އަދަބެކޭ." އާޒިމު ވިދާޅުވިއެވެވެ.
އާޒިމު ވިދާޅުވީ މިއަދު ރައީސް ޔާމީނުގެ ދިފާއުގައި އުމުރުން ދުވަސްވީ ދެތިން މީހުންނާއި ތާޅަފިއްޔެއްގެ އިތުރުން، މީހެއް ނުނިކުންނަ ކަމަށާއި ސަބަބަކީ ރައީސް ޔާމީނަށް ދިނީ ހައްގު އަދަބެއް ކަމުގައި ދެން ތިބި މީހުން ގަބޫލުކުރާތީ ކަމަށެވެ.
އާޒިމު ވިދާޅުވީ "އެހެންވީމާ އެބަ އެނގޭ، ހައްގު އަދަބެއް ލިބުނީމަ މަޑުމަޑުން ކައިރީގައި ތިބި މީހުންވެސް ދުރުވެ ފިލާ ގޮސް ދަނީ. ޕީޕީއެމް ނިމެނީ ރައީސް ޔާމީންގެ ވާހަކަ ދައްކާނެ މީހެއް ނެތް." ކަމަށެވެ.
ވޭތުވެ ދިޔަ ފަސް އަހަރު ރައީސް ޔާމީނު ރާއްޖެއަށް ތަރައްގީ ގެނައިކަން ފާހަގަކުރައްވައި އާޒިމު ވިދާޅުވީ ނަމަވެސް އެއާ އެއްވަރަށް ވައްކަންވެސް ކޮށްފައިވާ ކަމަށެވެ.
މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވާއިރު، ރައީސް ޔާމީން މިނިވަންވާނެ ކަމަށް ނުދެކޭ ކަމަށާއި، މިއަދު އިދިކޮޅުން ދާނެ މަގެއް ނެތް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.