ސިނަމާލެ ބްރިޖް

ސިނަމާލެ ބުރިޖަށް ދެމަސް: ހުރިހާ ދަގަނޑުތަކުން ދަބަރުފައިބަނީ، ފޮރުވަން ދަވާދުލަނީ

8

ހުޅުމާލެ ބުރިޖު ހުޅުވި ފަހުން އެންމެ ތިންމަސް ދުވަސް ވެސް ނުވަނީސް ބުރިޖުގެ ހުރިހާ ދަގަނޑު ތަކުން ދަބަރުހިލި ފައިބަން ފަށައިފި އެވެ.

"ވަން އޮންލައިން" ގެ ނޫސްވެރީންނަށް ވަނީ ފާއިތުވި ހަފުތާގެ ތެރޭގައި ބުރިޖުގެ ދަގަނޑު ތަކުގައި ޗައިނާ މީހުން ދަވާދުލާ މަންޒަރު ފެނިފަ އެވެ. ދަވާދުލަމުން ދިޔަ ބައެއް ދަގަނޑުތަކުގައި ހުރި ދަބަރުތައް ރަނގަޅަށް ފިލުވާފައި ނުވާކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ.

ބުރިޖު ހުޅުވައިގެން ދެހަފުތާއެއްހައި ދުވަސްވީ އިރު ވެސް ދަގަނޑުތަކުން ވަނީ ދަބަރު ހިލެން ފަށައިފަ އެވެ. އޭރު ވެސް ކޮންމެ ދުވަހަކު ޗައިނާ މީހުން ދަބަރު ކަހަން ބުރިޖުގެ އެކި ހިސާބު ތަކުގައި އިށީނދެ ތިބޭ މަންޒަރު ފެނެ އެވެ. އެހެން ނަމަވެސް މިހާރު ވަނީ ބުރިޖުގެ އެއްކޮޅުން އަނެއްކޮޅަށް ޖަހާފައި ހުރި ހުރިހާ ދަގަނޑުތަކެއްގައި އެކީ ކަހަލަ ގޮތަކަށް ދަބަރު ޖަހައި، ދަގަނޑުގެ ކުލައަށް ވުރެ ދަބަރު ކުލަ ގަދަވެފަ އެވެ. އަދި ބުރިޖުގެ އަރިމަތީގައި އޮންނަ ހިނގާ ސަރަހައްދަށް ވެސް ދަބަރު ދިޔަ ފައިބައި އެތަނުގެ ކުލަ ވެސް ބައެއް ސަރަހައްދުތަކުގައި ވަނީ ބަދަލުވެފަ އެވެ.

އިންޖިނިއަރިން ދާއިރާގެ ތަޖުރިބާކާރަކު "ވަން އޮންލައިން" އަށް މައުލޫމާތުދެމުން ބުނީ ބުރިޖުގެ ދަގަނޑު ތަކުގައި މިހާ އަވަހަށް ދަބަރު ޖަހައިފައި އެވަނީ ބޭނުންކޮށްފައި ހުރި ދަގަނޑުގެ ފެންވަރު އާދަޔާޚިލާފަށް ދަށްވުމުގެ ސަބަބުން ކަމަށެވެ.

"ސިނަމާލެ ބުރިޖު ފަދަ ލޮނުގެ އަސަރު އެހާބޮޑަށް ކުރާ ތަނެއްގައި ބޭނުންކުރަން ވާނީ އެކަމަށް ޚާއްސަ މެރިން ދަގަނޑު. އަދި އޭގެ ވެސް އެންމެ ހައި ކްލާސް ދަގަނޑު. ދަގަނޑު ހުންނަން ވާނީ ބޭނުންކުރާ ކަމަކަށް ޚާއްސަކޮށް ޓްރީޓް ވެސް ކޮށްފަ. އެކަމަކު ބުރިޖު ދަގަނޑު ތަކުގަ މިހާރު ދަބަރު ޖަހާފަ ހުރި ވަރަށް ބަލާ އިރު، ބޭނުންކޮށްފަ ހުރި ދަގަނޑުގެ ފެންވަރާ މެދު ސުވާލު އުފެދޭ." ވަން އޮންލައިން އަށް ކިޔައިދިން އިންޖިނިއަރު ބުންޏެވެ.

އޭނާ ބުނީ ބުރިޖުގައި ބޭނުންކޮށްފައި ހުރި ދަގަނޑުތަކުގައި ދަވާދުލުމަކީ ވެސް އޭގެ ދާއިމީ ހައްލު ނޫން ކަމަށާއި އެއީ ރަނގަޅަށް ނުބަލައި ދޫކޮށްލެވޭ ވަރަށް ވެސް ސީރިއަސް މައްސަލައެއް ކަމަށެވެ.

"ބޭނުންކޮށްފަ އެހުރި ދަގަނޑުގެ ފެންވަރު އަވަހަށް ދެނެގަންނަން އެބަ ޖެހޭ. ހަމަ އެކަނި ބުރިޖުގެ މަތީ ދަގަނޑުތަކެއް ނޫން. މިހާ ބޮޑަށް މަތީ ދަގަނޑު ތަކުން ދަބަރު ހިލި ފައިބަން ފެށީމަ މުޅި ބުރިޖުގެ ހާލަތުވެސް ބަލަން އެބަ ޖެހޭ. ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އެކަން އަވަސް ކުރަން ޖެހޭ." "ވަން އޮންލައިން" އަށް ކިޔައިދިން މީހާ ބުންޏެވެ.

ސިނަމާލެ ބްރިޖު ހުޅުވާފައި ވަނީ މިއަހަރުގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟