އިބްރާހިމް ޒަކީ
ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ކީރިތި ރަސޫލާ ނަމޫނާ އެއްކަމުގައި ބަލަންޖެހޭކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ކީރިތި ގުރުއާނާއި، ކީރިތި ރަސޫލާގެ ސުންނަތާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރު ކޮށްފައިވާ މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ، މާތް ﷲގެ ހަޒުރަތުން އަޅުގަނޑުމެންނާ ހަމައަށް އިސްލާމްދީން އައިސްފައި ވަނީ، އެކަލާނގެ ރަސޫލާ މުހައްމަދުއް ސައްލައްﷲ އަލައި ވަސައްލަމަ މެދުވެރިކޮށް ކަމަށާއި، އިސްލާމީ ޝަރީއަތް އެކުލެވިގެން ވަނީ ﷲ ގެ ފޮތާއި އިތުރު އެކަލޭގެ ފާނުގެ ސުއްނަތުގެ މައްޗަށް ކަމަށެވެ.
"އެހެންކަމުން އިސްލާމްދީނުގެ ފުރަތަމަ މަސްދަރު ކަމުގައި، ކީރިތި ގުރުއާން ވީ ފަދައިން، އެ ދީނުގެ ދެވަނަ މަސްދަރަކީ ނަބަވީ ސުންނަތް. ﷲ އަށް ކިޔަމަންވުމަށް ވަހީ ކުރައްވާފައިވާ ބަސްފުޅާ ވިދިގެން ކީރިތި ރަސޫލާއަށް ކިޔަމަންވުމަށް ގުރުއާނުގެ އެތައް ތަނެއްގައި އަމުރު ކުރައްވާފައި ވަނީ އެސަބަބައްޓަކައި. ﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވީ ސީދާ މަގަށް މަގު ދެއްކެވުމަށް، އެހެންކަމުން އެކަލޭގެ ފާނަށް ތަބާ ވުމަކީ އަހަރެމެންގެ މައްޗަށް ވާޖިބުކަމެއް. ދިރިއުޅުމުގެ ހުރިހާކަމެއްގައިވެސް އެކަލޭގެފާނު ނަމޫނާ އެއްކަމުގައި ބަލަންޖެހޭ. މީގެއިތުރުން އެކަލޭގެފާނުގެ ބަސްފުޅަކީ، އެކަލޭގެ ފާނަށް ބާވައިލެއްވި ވަހީގެ ތެރެއިން ބައެއް ކަމަށް ކީރިތި ގުރުއާނުގައި ވަނީ އަންގަވައިފަ،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ، ސުންނަތަކީ ކީރިތި ރަސޫލާ ގެ އަރިހުން ސާބިތުވެފައިވާ ބަސްފުޅުތަކާއި އަމަލުފުޅުތަކާއި، ކީރިތި ރަސޫލާގެ ކުރިފުޅުމަތީގައި ކަމެއް ހިނގަނިކޮށް ފެނިވަޑައިގެން އެކަމަށް އިންކާރު ނުކުރައްވާ ކޮންމެ ކަމަކާއި، އެކަލޭގެ ފާނުގެ ޒަމާނުގައި ހިނގިކަމެއް އެނގިވަޑައިގަތުމުން އެކަމަކާ އިންކާރު ނުުރައްވާ ކޮންމެ ކަމެއް ކަމަށެވެ.
"ނަމަވެސް ސުންނަތޭ ބުނުމުން މުސްލިމުންގެ ތެރެއިން ގިނަ ބަޔަކަށް ވިސްނިފައި އޮންނަނީ އެއީ ކުރުމާއި ނުކުރުން ހަމަހަމަ ކަންތައް އެކަނި ކަމަށް. ޝަރުއީކަމެއް ސުންނަތުން ސާބިތުވި ނަމަވެސް ގުރުއާނުގައި ސަރީހަކޮށް އޭގެ ހުކުމް އައިސްފައި ނުވާނަމަ، އެއީ ކުރުމުން ސަވާބު ލިބޭ އަދި ނުކޮށް ދޫކޮށްލި ނަމަވެސް އަޒާބު ނުލިބޭ ކަމެއް ކަމުގަ. އަނެއްބަޔަކު ދެކޭ ގޮތުގައި މުސްލިމުން އަމަލްކުރަންޖެހޭ ހުރިހާ ކަމެއް މާތް ﷲ ވަނީ ގުރުއާނުގައި ބަޔާން ކުރައްވާފަ. އެހެންކަމުން އޭގެ ބޭރުން އެހެން އެއްޗަކަށްބަލާކަށް ނުޖެހޭ .މިއީ ވަރަށްބޮޑު އޮޅުމެއް. އެހެނީ އިސްލާމީ ޝަރީއަތުގެ ވަރަށްގިނަ ކަންކަމުގައި، ސުންނަތަށް ރުޖޫއަނުވެ، ގުރުއާނުންއެކަނި ދަލީލު ނަގައިގެން އަމަލު ކުރުމަކީ، މުސްތަހީލު ކަމެއް،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ ނަމާދަކީ ދީނުގެ ތަނބު ކަމަށާއި، ނަމަދަކީ ޝަހާދަތުގެ ދެކަލިމައަށްފަހު ދީނުގެ އެންމެ މުހިއްމު ރުކުން ކަމަށެވެ.
މި މުހިއްމު އަޅުކަން ފަރުލުވެއްޖެކަން ގުރުއާނުން އެނގެން އެބައޮތް ކަމަށާއި، ނަމަވެސް ނަމާދު އަދާކުރަންވީ ކިހިނެއްކަމެއް ގުރުއާނުގައި އައިސްފައިނުވާ ކަމަށެވެ. ހަމަ އެހެންމެ އެއީ ކިތައް ނަމާދުކަމެއްވެސް ގުރުއާނުން އެނގެން ނެތް ކަމަށާއި، މިކަންކަން އެނގެނީ ސުންނަތުން ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ނަމާދު ކުރަންވީގޮތް ކީރިތި ރަސޫލާ ވަނީ ދަސްކޮށްދެއްވައިފައިފައި ކަމަށްވެސް ބުނެފައިވެއެވެ.
"އިސްލާމީ ޝަރީއަތުގެ ފުރަތަމަ މަސްދަރު ކަމުގައި ކީރިތި ގުރުއާން ވީ ފަދައިން ކީރިތި ރަސޫލާގެ ސުންނަތަކީ އެ ޝަރީއަތުގެ ދެވަނަ މަސްދަރު، އެހެންކަމުން ގުރުއާން ގަބޫލުކޮށް ކީރިތި ރަސޫލާގެ ސުންނަތް ގަބޫލު ނުކުރާނަަ އެ މީހެއްގެ ދީން ފުރިހަމައެއް ނުވާނެ. ގުރުއާނާއި ސުންނަތާ ދެމެދުވާ ގުޅުމަކީ ޝަހާދަތުގެ އެއްކަލިމަ އާއި އަނެއްކަލިމައާ ދެމެދުގައިވާ ގުޅުމެއް. އެ ދެކަލިމަ ވަކި ނުކުރެވޭނެ ފަދައިން ސުންނަތް، ގުރުއާނާ ވަތްކެއް ނުކުރެވޭނެ. ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އެއިން އެއްކަލިމައަށް އީމާންނުވާ މީހެއްގެ އީމާންކަން ފުރިހަމަ ނުވާނެ ފަދައިން. ގުރުއާނާއި ސުންނަތް ގަބޫލުކޮށްފީމޭބުނެ މިއިން އެއްމަސްދަރު ގަބޫލު ނުކުރާ މީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެ،" ހުތުބާގައި ބުނެފައިވެއެވެ.