ޚަބަރު

އައިއޭސީގެ ދިވެހިންގެ "މަސްދަޅު ހަދިޔާ" ކޮންޓެއިނާ ހަމަވެއްޖެ

މުހައްމަދު ޝަހީމް

ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މުސްލިމު އަހުންނާއި އުހުތުންނަށް މި ފިނި މޫސުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން "މަސްދަޅު ހަދިޔާ" ގެ ނަމުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުން ހިންގި ހަރާތަށް ބޭނުންވާ މިންވަރަށް މަސްދަޅު ލިބިފައިވާކަމަށް އެ ހަރަކާތުން ބުނެފިއެވެ.

މިކަން ހާމަކޮށް އައިއޭސީއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 28 އޮކްޓޯބަރު 2019 ގައި ފެއްޓި މި ކެމްޕެއިން ގައި މަދުވެގެން ކޮންޓެއިނަރެއްގެ މަސްދަޅު ހަމަކުރުމަށް ނިންމިކަމަށެވެ.

އަދި މިމަގުގެ 25 އަށް ޖުމްލަ 1800 ކޭސް މަސްދަޅު ދިވެހި ރައްޔިތުންގެ ފަރާތުން ލިބިފައިވާއިރު މިއީ 86،400 މަސްދަޅުކަމަށް ވެސް އައިއޭސީއިން ބުނެފައިވެއެވެ.

ފައިސާގެ ގޮތުން އަގު ކުރާނަމަ އެއީ 1،305،000.00 ރ ( އެއް މިލިއަން ތިން ލައްކަ ފަސްހާސް ރުފިޔާ )އެވެ.

މި ހަރަކާތުގެ ނަމުގައި ހާއްސަ ލޭބަލް އަދި ލޯގޯ ހިމަނައިގެން ބަންދުކޮށްފައިވާ މި މަސްދަޅުތައް ފޮށީގައި ބަންދުކުރުމުގެ އަމަލީ މަސައްކަތުގައި އައިއޭސީ ގެ ޗެއާ ޕާސަން އަހްމަދު އިގްބާލް އާއި ސެކެރެޓަރީ ޖެނެރަލް އިބްރާހިމް ޝާޒް ބައިވެރިވެފައިވާކަން ވެސް ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

އައިއޭސީން ބުނީ މި މަސްދަޅު ކޮންޓެއިނަރ، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް، އަންނަ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ މެދުތެރޭގައި ފޯރުކޮށްދެވޭނެ ކަމަށެވެ. މިފަދަ ހަރަކާތްތަކަށް އެހީތެރިވެ ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް އައިއޭސީގެ އޮފިޝަލުން ވަނީ ވިދާޅުވިއެވެ.

ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ސީރިއާގެ ރައްޔިތުންނަށް "މަސްދަޅު ހަދިޔާ" ހަރަކާތަށް ބޭނުންވާ މަސްދަޅު ލިބިފައިވީނަމަވެސް ފިނި މޫސުމުގެ މި ކެމްޕޭންގެ ދަށުން ފަލަސްތީން، ޔަމަން، ރޮހިންޔާ، ބަންގްލަދޭޝް އަދި ސީރިއާއަށް އެހީ ދިނުމުގެ ފުރުސަތު 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލެވިފައިވާކަމަށް އައިއޭސީއިން ބުންޏެވެ.

މި ގޮތުން ލިބޭ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ ކާނާ، ބޯހިޔާވަހިކަން، ފިނި މޫސުމުގައި ބޭނުންވާ އަންނައުނު އަދި ފިނިން ސަލާމަތްވުމަށް ބޭނުންވާ ހީޓަރުފަދަ ތަކެތި ފޯރުކޮށްދިނުމަށެވެ. އައިއޭސީގެ މިފަދަ ހުރިހައި ކެމްޕެއިންއެއްގައި ލިބޭ އެހީ، ކަނޑައެޅިފައިވާ ގައުމުތަކަށް ފޯރުކޮށްދޭނީ އެގައުމެއްގައި ހުންނަ އައިއޭސީ ޕާޓްނާ އެންޖިއޯ ތަށް މެދުވެރިކޮށް ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.