އައްޑޫ ސިޓީ

ލާމަރުކަޒީ ނިޒާމުގެ ދަށުން އައްޑޫ ސިޓީ ހުޅުދޫ މީދު ވަކިކޮށްދިނުމަށް ސުއޫދު ގޮވާލައިފި

ޝަހީދާ އަބްދުﷲ ސައީދު

ލާމަރުކަޒީ ގަނޫނު އިސްލާހުކުރާއިރު، އައްޑޫ ސިޓީ ހުޅުދޫ - މީދޫ ވަކިކޮށް، އެދެރަށުގައި އަތޮޅު ކައުންސިލް ގާއިމްކުރުމަށް ގާނޫނީ ވަކީލު ހުސްނުއްސުއޫދު ގޮވާލައްވައިފިއެވެ.

ސުއޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނު އިސްލާހުކުރާއިރު، މީދޫއާއި ހުޅުދޫ ވަކިކޮށް، އެދެރަށުގައި އައްޑޫ އަތޮޅު، އަތޮޅު ކައުންސިލް ގާއިމްކުރުމަކީ އެދެރަށަށް ވެސް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

އަދި އެދެރަށުގައި އަތޮޅު ކައުންސިލް އިދާރާ ގާއިމް ކުރުމުން އަތޮޅުގެ އާމްދަނީން ދައުލަތަށް ލިބޭ އެއްޗެއްގެ 35 އިންސައްތަ އަތޮޅު ކައުންސިލަށް ލިބޭނެ ކަމަށާއި، އަދި އޭރުން އެދެރަށް ބާކީ ވެސް ނުވާނެ ކަމަށް ސުއޫދުގެ ޓުވީޓުގައި ވިދާޅުވިއެވެ.

ސުޢޫދު މިހެން ވިދާޅުވި އިރު ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް ކައުންސިލްތަކަށް ފުރިހަމަ ބާރު ދޭނެ ކަމަށް ރައީސް ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އައްޑޫ ސިޓީ ކައުންސިލެއްގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައި ވަނީ އައްޑޫގައި ދިރިއުޅޭ ރައްޔިތުންގެ އާބާދީއަށް ބަލައިގެންނެވެ.

މިދެ ރަށް ވަކިކޮށް، އަތޮޅު ކައުންންސިލު ގާއިމްކޮށްފިނަމަ، އައްޑޫ ސިޓީގެ ދަރަޖަ އެރަށްތަކަށް ގެއްލިގެން ހިނގައިދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.