ޚަބަރު

ދެއްކި ވާހަކައިގެ މާނައިން ހިތުގައި ނުތަނަވަސް ކަމެއްވާނަމަ މައާފަށް އެދެން: އަލީ ވަހީދު

1

ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖާ ގުޅޭ ގޮތުން މީޑިއާގައި އިއްޔެ ދެއްކެވި ވާހަކައިގެ މަފްހޫމު ނުވަތަ މާނައިން އެންމެ ރައްޔިތަކުވެސް ހިތުގައި ނުތަނަވަސްކަމެއް ވާނަމަ މައާފަށް އެދޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާވިސް ޗާޖާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ މާނަ އޮޅޭގޮތަށް ބައެއް މީޑިއާތަކުގައި ހަބަރު ޖެހި ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީން އެވާހަކަތައް ސާފުކޮށްދީ ނެރުނު ބަޔާނަކާއެކު ކުރެއްވި ޓުވީޓެއްގައެވެ.

އަލީ ވަހީދު ވިދާޅުވީ، ރިސޯޓު މުވައްޒަފުންނާއި އިންޑަސްޓްރީގެ މަސައްކަތްތަކުގެ މަހުން މަހަށް މީޑިއާއާއި ރައްޔިތުންނަށް ހިއްސާ ކުރައްވާ ކަމަށާއި ކުރާ އިހުލާސްތެރި މަސައްކަތް މިނާނީ ރައްޔިތުން ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖު ދޭ އަދަދުތައް މިނިސްޓްރީން ފެންނަން އެބަހުރި ކަމަށެވެ. އަދި ސިނާއަތުގައި އިންވެސްޓް ކޮށްގެން ތިބި މައިގަނޑު ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ބައެއް ފަހަރު ރިސޯޓުން ކަނޑާލުމުން އެކުއްޖާ ދައްކާ ވާހަކަ މެއިން ސްޓްރީމުވާ ކަމަށާއި އެ ޝަކުވާތައް ގިނަ ފަހަރު ޓުވީޓު ކޮށްފައި ހުންނަނީވެސް ވަގު އެކައުންޓުތަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ރިސޯޓުތަކުގެ ބައެއް މުވައްޒަފުން ވަނީ ޓޫރިޒަމް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އަދި މިނިސްޓަރުގެ އިސްތިއުފާ އަށް ވެސް ދަނީ ގޮވާލަމުންނެވެ.

އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސާވިސް ޗާޖު ދޭ އަދަދުވެސް ޓޫރިޒަމް މިނިސްޓްރީގައި ފެންނަން އެބަހުރި ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމަކީ ސާވިސް ޗާޖު ދިނުމުގައި އަމަލުކުރަނީ ރަނގަޅަށޭ ނުވަތަ ގޯހުންނޭ ސީދާ ވިދާޅުވުން ނޫން ކަމަށެވެ.

އޭގެ އިތުރުން އިންވެސްޓްކޮށްގެން ތިބި ދިވެހި ވިޔަފާރިތަކަށް ބަލާއިރުވެސް ބޭރުގެ ވިޔަފާރިތަކަށް ބަލާއިރުވެސް ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވުމުގައި ހުރިހާ އިންވެސްޓަރުންގެ ބަދަލުގައި ފާހަގަކުރެއްވީ ބޮޑެތި "ކީ" އިންވެސްޓަރުންގެ ވާހަކަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ޖުމްލަ ގޮތެއްގައި މިހާރު ސާވިސް ޗާޖުދޭ ގޮތާގުޅޭގޮތުން ހިތްހަމަޖެހޭކަން ނުވަތަ ނޫންކަން ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވެފައިނުވާކަން ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟