ޚަބަރު

ރައީސް ޔާމީން މިނިވަންވާނެ ކަމަކަށް ނުދެކެން، މިއަދު އިދިކޮޅުން ދާނެ މަގެއް ނެތް: ސައީދު

މުހައްމަދު ޝަހީމް

އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި މިނިވަންކަމާއެކު ހުންނެވިނަމަ މިއަދު އިދިކޮޅުން ދާނެ މަގެއް ދައްކަވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ސައީދު ވިދާޅުވީ ރައީސް ޔާމީން މިނިވަން ކަމާއެކު ހުންނެވިނަމަ އިދިކޮޅުގެ ހަރަކާތްތައް ކުރިއަށް ދާންވީ ގޮތް ކިޔައިދެއްވާނެ ކަމަށާއި ނަމަވެސް އެހާލަތެއް މިއަދު ނެތް ކަމަށެވެ.

"(ރައީސް ޔާމީން) މިނިވަންވާނެ ކަމަކަށް އަޅުުގަނޑު ގަބޫލެއް ނުކުރަން. ރައީސް ޔާމީން މިނިވަން ކަމާއެކު ހުންނަވައިފިއްޔާ އަޅުގަނޑުމެނަށް މަގު ދައްކަވާނެ. ކުރިޔަށް ދާންވީ ގޮތް ކިޔައިދެއްވާނެ އަދި ދިވެހި ރައްޔިތުންނަށް ރައީސް ޔާމީން ސިޔާސަތަށް ލޯބިކުރައްވާ ފަރާތްތަކަށް ލިބިގެންދާނެ އުފާވެރިކަމަކަށް ވެގެން ދާނެ. އެހެން ނަމަވެސް އެހާލަތެއް މިއަދަކު ނެތް،" ސައީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ހަރަދު ކުރަން ހުރި އެކައުންޓުތައް ފުރީޒުކޮށްފައި ހުރިކަން ފާހަގަކުރައްވައި ސައީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހާލަތު ބަދަލު ނުވާ ކަމަށާއި ސަރުކާރުން ދައްކާ ވާހަކަ އެކި ގޮތްގޮތަށް ދައްކަމުން ގެންދާ ކަމަށެވެ. އަދި ޑިމޮކްރަސީގެ ނަމުގައި މި ސަރުކާރުން އޮޕަރޭޓް ކުރަނީ އެހެން ސިސްޓަމެއް ކަމަށް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މިސަރުކާރުގައި ހަރުދަނާ އިގުތިސާދީ ސިޔާސަތެއް ނެތްކަމަށާއި މި ސަރުކާރަށް އެއް އަހަރު ވީއިރު ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ. ސައީދު ވިދާޅުވީ މި ސަރުކާރުން ކުރަން އޮންނާނީ ރައީސް ޔާމީންގެ ސަރުކާރުގައި ފައްޓަވާފައި ހުރި މަސައްކަތްތައް ކަމަށެވެ.

"ކޮންކަމެއްތޯ މި ސަރުކާރުން ކުރީ، މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން މި އަންނަ އަހަރުގެ ޖެނުއަރީ އެކަކާއި ހަމަޔަށް ބައްލަވާ، ކޮންކަމެއްތޯ ކޮށްފަ އޮތީ. އަޅުގަނޑު ވަރަށް ސާފުކޮށް ކަމެއް ދަންނަވާފާނަން. 2020 ވެސް އައިސް ނިމޭނެ، ﷲ ގެ ރަހުމަތުން ކަންކަން ބަދަލުވާނީ ކިހިނެއްކަމެއް ނޭނގެ، ކުރިޔަށް މިއޮތް ތިން އަހަރުވެސް ކުރަން އޮންނާނީ އެއް މަސައްކަތެއް، އެއީ ރައީސް ޔާމިން ފައްޓަވާފަ ހުރި މަސައްކަތްތައް ކުރިޔައް ގެންދިއުން". ސައީދު ވިދާޅުވިއެވެ.