ޚަބަރު

ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ދައުލަތަށް ނަގަން ކޯޓުގައި އެދުން ގާނޫނާއި ހިލާފު: ވަކީލުން

މުހައްމަދު ޝަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓުގައި ހުރި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް ކުރިމިނަލް ކޯޓުގައި އެދުން ގާނޫނާއި ހިލާފު ކަމަށް ރައީސް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުށްސާބިތުވާ ކަމަށް ނިންމައި ކޯޓުން ކުރާ ހުކުމެއްގައި ބަޔާންކުރަންޖެހޭ ކަންތައްތައް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 156 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަމަށާއި، ދައުލަތަށް ނަގަންޖެހޭ ފައިސާއެއް ނުވަތަ މުދަލެއްވާނަމަ އެފައިސާ ނުވަތަ މުދާ ދައުލަތައް ނެގުމަށްކުރާ އަމުރު އެ ހުކުމުގައި ބަޔާންކޮށްފައި އޮންނާންވާނެ ކަމަށް އެ މާއްދާގެ 11 ވަނަ ނަންބަރުގައި ފާހަގަ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ރައީސް ޔާމިންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ކުރިމިނަލް ކޯޓުން ނިމުނުއިރު އެ ދައުވާގެ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ރައީސް ޔާމިންގެ އެކައުންޓުގައި ހުރި މައްސަލައާގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިފަނުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ދައުލަތުން އެފަދަ އަމުރަކަށް އެދިފައި ނުވާތީ މައްސަލައިގެ ހުކުމް ކުރެއްވިއިރު ކޯޓުން ނެރުއްވި ހުކުމްގައި ވެސް އެފަދަ އަމުރެއް ހިމާނާފައި ނެތްކަން ވަކީލުން ބުނެއެވެ.

"ކުރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށްދިޔައިރު އެފަދަ އަމުރަކަށް އެދުމަކާ ވެސް ނުލައި، އަދި ކުރިމިނަލް ކޯޓުން ނިންމެވި ގަޒިއްޔާގެ އިސްތިއުނާފުގެ މުއްދަތު ހަމަވެގެން ދިޔައިރުވެސް ދައުލަތުން އެ ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވުމަކާ ނުލައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން މިހާރު އެފަދަ އަމުރަކަށް ކުރިމިނަލް ކޯޓުގައި ދައުލަތަށް އެދެވޭނެ އެއްވެސް ގާނޫނީ އަދި ޝަރުއީ ހަމައެއް ވެސް ނެތްކަން އެނގެއެވެ،" ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ވަކީލުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކުރުމަށާއި ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރަކަށް ހައިކޯޓުގައި އެދިފައިވަނިކޮށް، ދަށު ކޯޓުން އިއްވި ހުކުމާއި ގުޅިގެން ދައުލަތުން މިހާރު ނެރުމަށް އެދިފައިވާ ފަދަ އަމުރުތަކަށް އެދި އެފަދަ އަމުރުތައް ނެރުމަށް ދައުލަތުން މަސައްކަތް ކުރުމަކީ ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާ އިސްތިއުނާފު ކުރުމުގެ ހައްގަށް ދައުލަތުން ހުރަސް އެޅުން ކަމަށެވެ.