ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްއާރުއެމްގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.

އެމްއާރުއެމް އިން މިއަދު އިއުލާނެއްގައި ބުނީ، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އެޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރަން ބޭނުންވާނަމަ ފުރިހަމަ ނަމާއި ދިވެހި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކަޑު ނަންބަރާއި ވާދަކުރައްވާ ކައުންސިލުގެ ނަން އެޕާޓީއަށް ފޮނުވައިދިނުމަށް އިއުލާނުގައި އެދިފައިވެއެވެ. މައުލޫމާތުތައް ފޮނުވަން ޖެހެނީ އަންނަ 25 ޖަނަވަރީގެ 4:00ގެ ކުރިން 7563664 ނަންބަރު ފޯނަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އިސްކޮށް ހުންނަވާ އުފެއްދެވި އެމްއާރްއެމްގެ އިންތިގާލީ ރައީސަކީ ވެސް އެމަނިކުފާނެވެ. އަދި އެޕާޓީ ރަޖިސްޓްރީ ކޮށްދީ ސެޓްފިކެޓް ހަވާލުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އެމްއާރުއެމް އިން މީގެ ކުރިން ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ އަންހެން ބޭފުޅުން ވާދަކުރެއްވުމަށް ގޮވާލައިފައެވެ. އެގޮތަށް އެޕާޓީން ގޮވާލީ ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުްނގެ މަޖިލީހުން ފާސްކުރުމުންނެވެ.