ޚަބަރު

ބުރިޖު މަތީގައި އެކްސިޑެންޓުވި ޖިޕު ދުއްވަން އިން ބިދޭސީ މީހާގެ ލައިސަންސް ބާތިލުކޮށްފި

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ބުރިޖު މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބާރު ސްޕީޑުގައި ދުއްވާފައި އައިސް ކާރުތަކެއްގައި ޖެހުނު ޖިޕު ދުއްވަން އިން މީހާގެ ލައިސަންސް ބާތިލުކޮށްފިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ، އެ އެކްސިޑެންޓު ހިނގާފައިވަނީ ބުރިޖު މަތިން ބާރު ސްޕީޑުގައި ދުއްވާފައި އައި ޖިޕެއް ކޮންޓްރޯލް ނުވެ ގޮސް ޓްރެފިކް ލައިޓުގައި މަޑުކޮށްގެން އޮތް ތިން ކާރަކާއި ދެ ސައިކަލެއްގައި ޖެހިގެން ކަމަށެވެ. އަދި އެ ޖިޕް ދުއްވަން އިނީ ބަންގުލަދޭޝްގެ 27 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައިގައި އިހުމާލުވާ ބަންގުލަދޭޝް މީހާގެ ލައިސަންސް އިއްޔެ ބާތިލުކޮށްފައިވާ ކަމަށެވެ. އަދި ދެ އަހަރު ދުވަހުގެ މުއްދަތަކަށް އޭނާއަށް ލައިސަންސް ދޫނުކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމާފައިވާ ކަމަށް މައުލޫމާތު ދިނެވެ.