ޚަބަރު

އެއްމެން އެއްބައިވެގެން ނޫނީ އަރައި ނުގަނެވޭނެ އިޖުތިމާއީ ބޮޑެތި ގޮންޖެހުންތަކެއް ގައުމަށް ވަނީ ދިމާވެފަ: އިމްރާން

އިބްރާހިމް ޒަކީ

ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުން ލިބުނު މާއްދީ ބޮޑެތި ގެއްލުންތަކުން މިއަދު އަރައިގެންފައި ވީނަމަވެސް އެއްމެން އެއްބައިވެގެން ނޫނީ އަރައި ނުގަނެވޭނެ އިޖުތިމާއީ ބޮޑެތި ގޮންޖެހުންތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

ސުނާމީ ކާރިސާގައި ގެއްލުުން ލިބުނ ފަރާތްތަކަށް އެހީތެރި ވުމުގައި ދިވެހި ރައްޔިތުން ދެއްކި އޯތެރިކަން ހަދާންކުރުމުގެ ގޮތުން ފާހަގަކުރާ ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގއި ތ.ވިލުފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ، ފަހުގެ ތާރީހުގައި ރާއްޖެއަށް ދިމާވި އެންމެ ބިރުވެރި އެންމެ ހިތާމަވެރި އެ ދަނޑިވަޅުގައި ދިވެހި ރައްޔިތުންގެ ކިބައިގައި އަށަގެންފައިވާ މަތިވެރި އާދަ އާއި ރިވެތި އަހުލާގާއި ހިތްހެޔޮ ކަމާއި އެއްބައިވަންތަކަން ދައްކުވައިދީފައިވާ ކަމަށެވެ.

އަދި އެހާދިސާއަށްފަހު، ގައުމުގެ ކުރިމަގު ބައްޓަން ކުރުމަށް އެދުވަސްވަރު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުން ތައްވެސް އެއްފަރާތްކޮށް ގައުމުގެ އެންމެހާ ރައްޔިތުން ސަރުކާރާ އެކުވެގެން އެދުވަހު، އާ ކުރިމަގެއް ބައްޓަން ކުރުމަށްޓަކައި މަސައްކަތް ފެށި ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، މިއަދުވެސް ގައުމަށް އިޖުތިމާއީ ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާ ކަމަށެވެ.

ނަމަވެސް އެފަދަ ކޮންމެ ގޮންޖެހުމެއް، އަދި ދިމާވާ ހިތާމަވެރި ކޮންމެ ހާދިސާއަކުން އަރައި ގަނެވޭނީ ހުރިހާ ރައްޔިތުން އެކުވެރިވެ، އެއްބާރުލައި އަތު ގުޅާ ލައިގެން ކަމަށެވެ.

އެންމެންގެ އަމާޒާއި މިސްރާބު އެއްދިމާއަކަށް އަމާޒު ކޮށްގެންނެވެ. އަދި އެންމެން އެކުވެރިވެ އެއްރޫހެއްގައި މަސައްކަތް ކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ ކުރިއެރުމާއި ލާބަޔާއި މަސްލަހަތާއި ތަރައްގީ އާއި މަންފާއައްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ތަކުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އަދި ރާއްޖެއަށް ފެތުރި އާއްމު ވެފައިވާ މަސްތުވާތަކެތީގެ ވަބާއިން އުފެދެމުން އަންނަ ޖީލުތަކާއި ޒުވާނުން ސަލާމަތް ކުރުމަށް ހުރިހާ ރައްޔިތުން ގުޅިގެން އެކުކައި މަސައްކަތް ކުރަންޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހިންގެ ތެރެއިން މަދު ބަޔަކު ނަމަވެސް މާތް ވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ކީރިތި ނަބިއްޔާ އަށް ކުޑައިމީސް ބަސް ބުނެ އިސްލާމްދީނާ ދެކޮޅަށް ފަތުރަމުން ގެންދާ ކަންތައްތަކުން ސަލާމަތްކޮށް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަށް އެންމެން އެކުގައި އަތުގުޅާލައުގެން މަސައްކަތްކުރަން ޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރުތަކަށް ތަބާވެ، ރައްޔިތުންގެ މުދަލާއި ފުރާނައަށް ގެއްކުންދީ އެންމެންގެ މެދުގައި ބިރުވެރިކަން އުފައްދައި ނުރައްކާތެރި ހަމަލާތަކާ ދިމާލަށް ރައްޔިތުން ދަތުރު ކުރުން ހުއްޓުވަން އެބަނޖެހޭ ކަމަށާއި، އެފަދަ ބޮޑެތި އިޖުތިމާއީ ބަލިތަކުން ސަލާމަތްވެގެންމެނުވީ ދިވެހި ރައްޔިތުންނަށް އުފާވެރި މުސްތަގުބަލެއް ނުލިބޭނެ ކަމަށެވެ.