ޚަބަރު

ކުށްވެރިންނަށް ރައީސް: އަދި ވަގުތު ފާއިތެއް ނުވޭ، އިސްލާހުގެ މަގު ހިޔާރު ކުރޭ!

އާނިފާ ހުސެއިން ސިރާޖް

އަދި ވަގުތު ފާއިތު ނުވާ ކަމަށާއި، ނުރަނގަޅު މަގު ދޫކޮށް، އިސްލާހުގެ މަގު ހިޔާރު ކުރުމަށް ކުށްވެރިންނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ގައުމީ އެއްބަިއވަންތަ ކަމުގެ ދުވަސް ފާހަގަކުރުމަށް މިއަދު ތ. ވިލުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ގައުމަށް ދިމާވާ ނުރައްކާތަކާ ކުރިމަތިލުމަށް އެއްބައިވަންތަކަން ކުރިއަށް ނެރެންޖެހޭ ކަމަށާއި، މުޅި ގައުމުގެ ހާލަތައް ބަލާއިރު އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއަށް ނެރެގެން ނޫނީ ހައްލުކުރަން ދަތި ކިތަންމެ މައްސަލަތަކެއް މިހާރުވެސް އެބަހުރި ކަމަށެވެ.

ރައީސް ވިދާޅުވީ، "ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުތަކާއި، ހިންގާ ހަރުކަށި އަމަލުތައް މިއީ އޭގެ ތެރެއިން އެއް ކަންތައް" ކަމުގައެވެ.

ރައީސް ވިދާޅުވީ ދީނަަށް އިހާނެތިކޮށް ހިތުމުގެ މައްސަލަތަކާއި، މާރާމާރީ ތަކާއި ގޭންގު ކުއްތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކަކީ ގާނޫނުތައް ނެތިގެން ނުވަތަ އަދަބުތައް ކަނޑައެޅިފައި ނެތިގެން ހިނގާ ކަންކަން ނޫން ކަމަށެވެ. އަދި އެފަދަ ކޮންމެ ކަމަކީވެސް ފަރުދީ ޒިންމާއަށް އިހުމާލުވުމުގެ ނަތީޖާކަމަށާއި އެއީ މުޖްތަމައުގެ މަސްލަހަތުގެ މައްޗަށް އަމިއްލަ މަސްލަހަތު އިސްކުރުމުގެ ނަތީޖާ ކަމަށްވެސް ވިދާޅުވިއެވެ.

އަނެކުންގެ ހައްގުތަކަށް އަރައިގަނެގެން އަމިއްލަ އެދުންތައް ހާސިލުކުރަން އުޅުމުން މުޅި މުޖްތަމައުގެ ހަމަޖެހުމާއި އަމާންކަން ގެއްލިގެންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަދު އަޒުމަކަށް ހަދަންވީ އެފަދަ ކަންކަމަށް ފާޅުގައި ދެކޮޅުހަދައި އެފަދަ ކަންކަން ހުއްޓުވުމަށް މުޅި މުޖްތަމައު އެކީ މަސައްކަތް ކުރުމަށް ކަމަށެވެ.

"ކުރިން މި ދެންނެވިފަދަ ނޭއްގާނީ އަމަލުތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް ދަންނަވާލަން އޮތީ، އަދި ވަގުތު ފާއިތެއް ނުވެޔޭ. މިހާރު ތިޔަ ހިިނގާ ނުރަނގަޅު މަގު ދޫކޮށް، އިސްލާހުގެ މަގު ހިޔާރުކުރާށޭ. އެކަހެރިވުމާ ވަކިވެގަތުމުގެ ގޮތްތައް ދޫކޮށް، އިޖްތިމާއީ މިންގަނޑުގެ ތެރެއަށް ވަނުމަށް ސަމާލުކަން ދޭށޭ." ރައީސް ވިދާޅުވިއެވެ.

އެފަދަ ކުށްކުރާ މީހުންނަށް ރިއާޔަތްކޮށް ރައީސް ވިދާޅުވީ އެ އެންމެންނަކީވެސް ހަމަ ދިވެހި ރައްޔިތުން ކަމަށާއި، އެއްވެސް ރައްޔިތަކަށް ދެރަގޮތެއް ވާން ނޭދޭ ކަމަށާއި އިސްލާހުގެ މަގު ހިޔާރު ކުރުމުން ދެ ދުނިޔޭގައިވެސް ލިބޭނީ ކާމިޔާބާއި ބާއްޖަވެރިކަން ކަމަށެވެ.

"އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރާއިރު، މިއަދު އަޅުގަނޑުމެން އެއްބައިވާން ޖެހިފައި މިވަނީ މިފަދަ ކަންކަމާ (ކުށްތަކާ) ދެކޮޅަށް. އެންމެން އެއް އަޒުމެއްގައި އެއް ރޫހެއްގައި މަސައްކަތް ކުރަންވީ މި މައްސަލަތައް ހައްލުކުރަން. މިއީ އެންމެންގެ ގައުމު." ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން މި ގައުމުގެ ސުލްހައާއި އަމާންކަން ދެމިއޮންނާނީ އަޅުގަނޑުމެން އެކަންކަމަށް އިސްކަންދިން މިންވަރަކުން ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިވެއެވެ.