ޚަބަރު

ސުނާމީ ކާރިސާގެ ގެއްލުން ފޫބެއްދުމަށް 592 ފަރާތަކުން ނެގި ލޯނު ވަނީ މައާފު ކޮށްދީފަ: ރައީސް

އިބްރާހިމް ޒަކީ

ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން 592 ފަރާތެއްގެ ލޯނު މައާފު ކޮށްދީފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސުނާމީ ކާރިސާއަށް 15 އަހަރު ފާހަގަ ކުރުމަށް ތ.ވިލުފުށީގައި މިއަދު ބޭއްވި ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަމުން ރައީސް ސޯލިހު ވިދަޅުވީ، ސުނާމީ ކާރިސާގައި އެކިވަރުގެ ގެއްލުން ލިބުނު 190 ރަށުގެ ރައްޔިތުން، ދިރިއުޅުމުގެ އާންމު ޙހާލަތަށް އިއާދަ ކުރުމަށް މިދިޔަ 15 އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް އެކި ސަރުކާރުތަކުން ކޮށްފައިވާ ކަމަށެވެ.

އޭގެތެރެއިންވެސް އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ދިރިނޫޅެވޭވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ފަސް ރަށެއްގެ މީހުން، އެހެން ރަށްރަށުގައި ވަޒަންވެރިކޮށް އާބާދުކުރުވުން ކަމަށާއި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރުވެސް މިފަދަ ރަށްރަށުގެ ޝަކުވާތަކާއި، ހައްލުކުރަން ޖެހިފައި ހުރި ވަރަށްގިނަ ކަންތައްތައް އެބަހުރި ކަމަށެވެ.

"އޭގެތެރެއިން ބައެއް ކަންކަމަކީ، ބައެއް މީހުން ނަގާފައި ހުރި ލޯނުތައް ނުދެއްކި ދަރަނިވެރިވަމުންދާ ދިޔުން. އެކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން އަޅުގަނޑުމެން ކުރި މަސައްކަތުން އޭރު ލޯނު ނަގާފައިވާ 592 ލޯނު މިހާރު ވަނީ އެންމެންނަށް މަޢާފުކޮށްދެވިފައި. އޭގެތެރޭގައި، ކޮޅުފުށީގެ ގެ މަރާމާތުކުރުމަށް ދޫކުރި ލޯނުތައްވެސް ހިމެނޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ނަމަވެސް ރ. އަތޮޅު ދުވާފަރާއި، ވިލިފުށީ މީހުންގެ ގެތަކުގެ ރަޖިސްޓްރީގެ މައްސަލަ ވަނީ ހައްލު ނުކުރެވި ކަމަަށެވެ.

"އިރާދަކުރެއްވިއްޔާ، މިހާރު ރ. އަތޮޅު ދުވާފަރުގެ ގޭގޭގެ ރަޖިސްޓްރީ، އެ ގޭގޭގެ ވެރިންނަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އަދި މި ރަށުގެ ރައްޔިތުންގެ ރަޖިސްޓްރީ ހެދުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމުމަށްޓަކައި ކައުންސިލާ އެކީގައި މަޝްވަރާ ކުރެވިފައި،" ރައީސް ވިދާޅުވިއެވެ.