ގައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ގައުމީ އެއްބައިވަންތަ ކަމަށް އިސްކަންދިނުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ގޮވާލައިފިއެވެ.
ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުވައި އެމްއާރުއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ ދިވެހިންނަށް ކުރިމަތިކުރެއްވި އިމްތިހާނެއް ކަމަށާއި އެ އިމްތިހާނުން ހާސިލްވި އެންމެ މަތިވެރި އިބުރަތަކީ ގައުމީ އެއްބައިވަންތަކަމުގެ މުހިންމުކަން ކަމަށެވެ.
އެގޮތުން ގައުމަށް ދިމާވާ ބޮޑެތި ކަންތައް ތަކުގައި ސިޔާސީ ފިކުރު ތަކާއި ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ސަރުކާރާއި ރައްޔިތުންގެ އެންމެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެމްއާރުއެމުން ވަނީ ގޮވާލާފައެވެ.
އެމްއާރުއެމްގެ ބަޔާނުގައި އިތުރަށް ވަނީ، ދިވެހީންގެ އިސްލާހީ ހަރަކާތްތަކަކީ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު މަޝްވަރާ ކޮށްގެންކުރާ މަސައްކަތްތަކެއް ކަމުގައި ހެދުމަށާއި މާޒީގެ އިބްރަތުން ލިބިފައިވާ ފިލާވަޅުތައް މުސްތަގުބަލު ބިނާކުރުމުގައި ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައެވެ.
މީގެ 15 އަހަރު ކުރިން، 26 ޑިސެމްބަރު 2004 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީގެ ނުރައްކާތެރި ކާރިސާގައި ދިވެހިންގެ ތެރެއިން 82 މީހަކު ގެއްލި، 26 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އަދި ރާޅުތަކުގެ ސަބަބުން 15،000 އަށްވުރެ ގިނަ ގެދޮރު ހަލާކުވެ، ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށްވުރެ ގިނަ މީހުންނަށް އެކި ކަހަލަ ގެއްލުން ލިބުނެވެ.
އެދުވަހު ދިވެހިން ދެއްކެވި ގައުމީ އެއްބައިވަންތަ ކަމުގެ ޒިކުރާ އާކުރުމަށް ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 26 ފާހަގަކުރަމުންދަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.