އިބްރާހިމް ޒަކީ
މަނީލޯންޑާ ކުރުމުގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ އެކައުންޓުގައި ހުރި މަނީލޯންޑަރިންގެ މައްސަލައާގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
ޕީޖީން ކޯޓުގައި އެދިފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ސާބިތު ވެފައިވާ މަނީ ލޯންޑާކުރެއްވުމުގެ ކުށުގައި ހިމެނޭ އެއް މިލިއަން ޑޮލަރާއި އެ ފައިސާ އިން ލިބިވަޑައިގެންނެވި ފައިދާއެއް ވާ ނަމަ އެ ފައިދާވެސް، ދައުލަތަށް ނެގުމުގެ އަމުރަކަށެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ރައީސް ޔާމީންގެ އެކައުންޓުގައި ހުރި މަނީލޯންޑަރިންގެ މައްސަލައާގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދުނީ އެ މައްސަލައިގަ ރައީސް ޔާމީންގެ މައްޗަށްކުރި ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާތީ، ޖިނާއީ އިޖުރާއާތުގެ ގާނޫނާއި މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.
މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް 5 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.
މި މައްސަލަ ބައްލަވަން ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ފަސް ފަންޑިޔާރުންގެ އިއްތިފާގުން ރައީސް ޔާމީނަށް ހުކުމް ކޮށްފައި ވަނީ މަލީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭން ކުރުން ހުއްޓުުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އަހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިޔަން ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށެވެ.