ޚަބަރު

ބިލު ނުދައްކާ ތިބި ކަސްޓަމަރުންނަށް އެމްޑަބްލިޔުއެސްސީން ލުއި ގޮތްތަކެއް

މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އަށް ބިލު ނުދައްކާ ތިބި ކަސްޓަމަރުންނަށް އެ ބިލުތައް ދެއްކުމަށް ލުއި ގޮތްތަކެއް ހަދައިދޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެމްޑަބްލިޔުއެސްސީ އިން 49،000 ކަސްޓަމަރުން ހިދުމަތް ހޯދަމުން އަންނައިރު އޭގެތެރެއިން 13،894 ކަސްޓަމަރުން ބިލް ނުދައްކާ ކަމަށެވެ.

އެ ފަރާތްތަކުގެ ތެރޭގައި ފައިސާ ނުދައްކާތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަސްޓަމަރުންގެ އަދަދު 1570 އަށް އަރާއިރު ފައިސާ ނުދައްކާތާ 12 މަސް ދުވަސް ވެފައިވާ ކަސްޓަމަރުންގެ އަދަދު 17،00 އަށްވުރެ މައްޗަށެވެ. އަދި ފައިސާ ނުދައްކާތާ ދެ މަސް ދުވަސް ވެފައިވާ 4،492 ކަސްޓަމަރުން އެބަތިބި ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުންފުނީގެ ދަރަނި އިތުރު ވެފައިވަނީ އެކަމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ޖޫން 16ގެ ކުރިން ބިލު ދެއްކުމަށް ހުރި ދަތިތައް ހިއްސާ ކުރުމުން އެކުގައިހުރި ދަތިތަކަށް ލުޔެއް ހޯދައިދޭނެ ކަމަށް އާޒިމު ވިދާޅުވިއެވެ.

އެގޮތުން އެ ތާރީހުގެ ކުރިން ފެން ބިލަށް އެކަނި އަރާފައިވާ ފައިސާގެ އަދަދު ދައްކައިފިނަމަ ޖޫރިމަނާގެ ގޮތުގައި ބިލަށް އަރާފައިވާ ހުރިހާ އެއްޗެއް މާފުކޮށްދޭނެ ކަމަށާއި އަދި ފެން ބިލަށް އަރާ ފައިސާގެ %50 ދައްކައިފިނަމަ ޖޫރިމަނާގެ %50 މާފު ކޮށްދޭނެ ކަމަށް އާޒިމު ވިދާޅުވިއެވެ.

އޭގެ އިތުރުން 50 ޕަސެންޓް ފައިސާ ދެއްކުމަށްފަހު ބާކީބައި އިންސްޓޯލްމަންޓުގެ ގޮތުގައި ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ވީހާވެސް ލުއިވާނެ ގޮތަކަށް މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ނުދައްކާ އޮތް ބިލުތަކަކީ ދަރަންޏަކަށް ވާން ނޭދޭ ކަމަށާއި އެގްރީމަންޓެއް ހެދުމަށްފަހު އެ އެގްރީމަންޓުގެ ދަށުން ބިލަށްވާ ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، ބިލަށް ފައިސާ ނުދައްކާ ތިބި ކަސްޓަމަރުންނަށް ހޯދައިދޭ ލުއި ފުރުސަތުގެ ބޭނުން ހިފައި، ދަރަނި އަދާ ކުރުމަށް އާޒިމު އެދެވަޑައިގެންނެވިއެވެ.