އިބްރާހިމް ޒަކީ
އެންމެ ރަނގަޅު ނޫސްވެރިއާ އާއި ނޫސް އިދާރާ އާއި، އެކި އެކި މުއައްސަސާތައް ފާހަގަކޮށް އަންނަ އަހަރުން ފެށިގެން، ރައިޓް ޓް އިންފޮމޭޝަން (އާރްޓީއައި)ގެ ނަމުގައި ހާއްސަ އެވޯޑެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދޭން ނިންމައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަސައްކަތްތަކާބެހޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ވިދާލުވީ، އެ އެވޯޑަކީ، ރައްޔިތުންނަށް ލިބިފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަަވަރު ކުރުމަށް މުއައްސަސަތަކުން ކުރާ މަސައްކަތްތަކާއި، އެ ހައްގު ރައްޔިތުންނަށް ލިބި ދިނުމަށް ނޫސްތަކުން ކުރާ މަސައްކަތްތައް ފާހަގަކޮށް އެ ހައްގު ރައްޔިތުންނަށް ލިބިދިނުމަށް ބާރު އެޅުމުގެ ގޮތުން ދޭން ނިންމާފައިވާ އެވޯޑެއް ކަމަށެވެ.
އަންނަ އަހަރުން ފެށިގެން 10 ކެޓަގަރީއަކުން އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފިޔާޒު ވިދާޅުވިއެވެ.
އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކުގެ ތެރޭގައި އެންމެ ރަނގަޅު ނޫސްވެރިޔާ އާއި ނޫސް އިދާރާގެ އިތުރުން، ސަަރުކާރުގެ އޮފީސް ތަކާއި ކުންފުނި ތަކާއި ޔުނީފޯމް އެޅި މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި ކުންފުނިތަކާއި ޖަމްއިއްޔާ، ޖަމާއަތްތައްވެސް ހިމެނޭ ކަމަށެވެ. އަދި އެންމެ ރަނގަޅު އިންފޮމޭޝަން އޮފިސަރު ހޮވައި އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފިޔާޒު ވިދާޅުވީ އެ ވޯޑަށް އެ ފަރާތްތަކުގެ މަސައްކަތްތައް މޮނިޓާ ކުރާނީ އަންނަމަހުގެ އެކަކުން ފެށިގެން ކަމަށެވެ.
އަދި އެ އެވޯޑު ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މައުލޫމާތު ހާމަ ކުރުމުގެ ދުވަހުގެ ރަސްމިއްޔާތުގައި ވާއްވާ ހާއްސަ ޖަލްސާގައި ކަމަށް ވެސް ފިޔާޒު ވިދާޅުވިއެވެ.
ފިޔާޒު ވިދާޅުވީ އެ އެވޯޑަށްޓަކައި މައުލޫމާތު ހޯދާ ފަރާތްތަކުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މައުލޫމާތު ހޯދާ ފޯމު ފުރުން މުހިއްމު ކަމަށެވެ.