ޚަބަރު

ރައީސުލް ޖުމްހޫރިއްޔާ، ވިލުފުށީ ސުނާމީ ބިނާ ހުޅުއްވައި ދެއްވައިފި

އިބްރާހިމް ޒަކީ

ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާނުގައި ތ. އަތޮޅު ވިލުފުށީގައި ގާއިމު ކުރި، ވިލުފުށީ ސުނާމީ ބިނާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައި ދެއްވައިފިއެވެ.

އެމަނިކުފާނު މި ބިނާ ހުޅުއްވައި ދެއްވީ މިއަދު މެންދުރު އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރާއްޖެއަށް ކުރިމަތިވި، ސުނާމީ ކާރިސާގައި 82 ދިވެހިން ވަނީ މަރުވެފަ އެެވެ. ވީނުވީ ގޮތެއް ނޭގި 26 މީހަކު ގެއްލުނެވެ.

ނުވަ ރަށެއް ފިޔަވައި ހުރިހާ ރަށަކަށް ސުނާމީކާރިސާގެ އަސަރުކުރި އިރު، މީހުން ދިރިއުޅޭ 13،000 އަށް ވުރެ ގިނަ ގެ މިހާދިސާގައި ހަލާކުވިއެވެ.

މި ހާދިސާގައި ބައެއް ރަށްރަށަށް ލިބުނު ގެއްލުމުގެ ބޮޑުކަމުން އެރަށްރަށުން މީހުން ބައިލަންވެސް ޖެހުނެވެ.

މިއަދު މިވަނީ ރާއްޖެއަށް ސުނާމީ ކާރިސާ ކުރިމަތިވިތާ 15 އަހަރު ފުރިފައެވެ.

ސުނާމީ ކާރިސާގައި ގެއްލުންލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުވައި ދިނުމުގައި ދިވެހިން، އެއްބަޔަކު އަނެއްބަޔަކަށް ވަނީ އޯގާތެރިކަމުގެ ނަމޫނާއެއް ދައްކައިފައެވެ. އެދުވަހު މުޅި ގައުމުން ފެނިގެން ދިޔައީ އެއްބައިވަންތަ ކަމާއި އެއްބައެއްވަންތަ ކަމެވެ.

އެހެންކަމުން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހަކީ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ސަރުކާރުން ނިންމިއެވެ.

މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ރައްމިއްޔާތުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ސުނާމީ ކާރިސާގައި އެއްމެ ބޮޑު ގެއްލުމެއްލިބުނު އެއްރަށް ކަމުގައިވާ ތ.އަތޮޅު ވިލުފުށީގައެވެ.

އެއްބައިވަންތަ ކަމުގެ ދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލް ޖުމްހޫރިޔާ މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ވިލުފުއްޓަށް ވަޑައިގެންފައެވެ.

ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ މިއަދު 2:00ގައި ވިލުފުށީގައެވެ.