އިބްރާހިމް ޒަކީ
އެމްޑަބްލިޔުއެސްސީގެ ފެންބިލު ތަކަށް ފައިސާ ނުދައްކާ 13،894 ކަސްޓަމަރުން އެބަތިބި ކަމަށާއި، އެ ކަސްޓަމަރުން ބިލްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 131 މިލިޔަން ރުފިޔާއަށް އަރާކަމަށް އެ ކުުންފުނިން ބުނެފިއެވެ.
ކުންފުނީގެ ބިލުތަކަށް ފައިސާ ނުދައްކާ މައްސަލައިގައި، މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، މިއީ ޑޮމެސްޓިކް ކޮންނާއި ކޮމާޝަލްކޮށް ބިލުތަކަށް ފައިސާ ނުދައްކާ ފަރާތްތައް ކަމަށާއި، ފައިސާ ނުދައްކާ 13،894 ކަސްޓަމަރުންނަކީ، އެ ކުންފުނީގެ ކަސްޓަމަރުންގެ މުޅި އަދަދުގެ 20 ޕަސެންޓް ކަމަށެވެ.
އެ ކުންފުނިން ހިދުމަތް ހޯދާ 49،000 ކަސްޓަމަރުން އެބަތިބި ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ބިލުތަކަށް ފައިސާ ނުދައްކާ ތިބި ކަސްޓަމަރުންގެ ތެރެއިން، ފައިސާ ނުދައްކާތާ އެއްއަހަރަށްވުރެ ގިނަ ދުވަސްވީ ކަސްޓަމަރުންގެ އަދަދު 1570އަށް އަރާ ކަމަށާއި، ފައިސާ ނުދައްކާތާ 12 މަސްދުވަސްވެފައިވާ ކަސްޓަމަރުންގެ އަދަދު 17،00 އަށްވުރެ މައްޗަށް އަރާ ކަމަށެވެ. އަދި ފައިސާ ނުދައްކާތާ ދެމަސްދުވަސް ވެފައިވާ 4،492 ކަސްޓަމަރުން އެބަތިބި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، އެފަރާތްތަކުން ބިލު ނުދައްކާ ވޭތުވެގެންދާ ކޮންމެ ދުވަހަކަށް ސާޗާޖު އަރާނެ ކަމަށާއި، ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އެފަރާތްތަކުގެ ޖޫރިމަނާއަށްވެސް ބޮޑު އަދަދެއް އަރާފައިވާ ކަމަށެވެ.
ނަމަވެސް އެ ފަރާތްތަކަށް ފައިސާ ނުދެއްވި ވަނީ ކީއްވެގެންތޯ އޮޅުން ފިލުވައި، ލުއިގޮތްތަކެއް އެފަރާތްތަކަށް ހަދައި ދިނުމަށް ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބިލުތަކަށް މިހާތަނަށް ފައިސާ ނުދެއްކިވާ ފަރާތްތަކަށް ލުއިގޮތްތަކެއް ހަމަޖައްސައި ދިނުމަށް އެކުންފުނިން ރާވާފައިވާ ކަމަށެވެ.
އެގޮތުން އަަންނަ އަހަރުގެ ޖޫން މަހުގެ 16 ގެކުރިން އެ ކުންފުންޏަށް ވަޑައިގެން ބިލު ދެއްކުމުގައި ހުރި ދައިތައް އޮޅުންފިލުވައި ދިނުމުން ވަރަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދެއްްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.