ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންނަށް ކަނޑައަޅާފައިވާ ގޮނޑިތަކަށް ކުރިމަތިލެވޭނީ ވަކި އެޕްލިކޭޝަނަކުން ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ގުޅިގެން އާންމުންގެ މީހަކު ކުރި ޓުވީޓަކަށް ޖަވާބުދެއްވަމުންނެވެ. ޝަރީފް ވިދާޅުވީ ކައުންސިލް އިންތިހާބުގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހެނީ ވަކި އެޕްލިކޭޝަން ތަކަކުން ކަމަށެވެ. އަދި އެ ގޮނޑިތަކަށް ވޯޓު ލާނީވެސް ވަކިން ކަމަށް ޝަރީފް ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލުތަކުން އަންހެން މެމްބަރުން އިންތިހާބުކުރަންޖެހޭނެ ދާއިރާތައް ކަނޑައަޅާފައިވެއެވެ. މާލެ، އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ދާއިރާތަކުގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގެ ގޮނޑިތައް ރޭ ވަނީ ގުރުއަތު ނަގާފައެވެ.
ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ، އަދި ރަށު ކައުންސިލުތަކުން އަންހެނުންނަށް ޖުމްލަ 384 ގޮނޑި ޔަގީންވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.
އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އޭޕްރީލް ހަތަރެއްގައެވެ.