ހިއުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް ގިނަ މަޝްރޫއުތަކަކަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި މަކަރުވެރި އަމަލު ހިންގާ އަދި ސައްހަ ނޫން ލިޔެކިޔުން ހުށަހަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ ތިން ކުންފުންޏެއްގެ މައްސަލަ ތަހުގީގު ކުރުމަށްްޓަކައި ފުލުހުންނަށް ހުށަހަޅައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މައްސަލަތަކާއި ގުޅިގެން ކުރެވިފައިވާ މުއާމަލާތްތަކާއި އެ މައްސަލަތަކުގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ އެންމެހާ މައުލޫމާތުތަކާއެކު އެ ތިން މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ.
އޭގެ އިތުރުން މައްސަލަތަކުގެ ތަހުގީގު ނިމެންދެން އެ ތިން ކުންފުނީގެ ހިއްސާދާރުންނާއި އެ މައްސަލަތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކަށް އިމިގްރޭޝަނުން ފޯރުކޮށްދެމުންދިޔަ ބިދޭސީންނާއި ގުޅުންހުރި އެންމެހާ ހިދުމަތްތަކެއް މެދުކަނޑާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ބުނީ، އެ ތިން މައްސަލައާއެކު އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ޖުމްލަ 27 މައްސަލަ، ތަހުގީގު ކުރުމަށްޓަކައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އިންސާނީ ވަގުފާރިއަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން އިމިގްރޭޝަނުން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އެ މުއައްސަސާއިން ދީފައިވެއެވެ.