ޚަބަރު

ސިޓީތަކުން އަންހެނުންނަށް ހާއްސަކުރެވިފައިވާ ދާއިރާތައް ކަނޑައަޅައިފި

އާނިފާ ހުސެއިން ސިރާޖް

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލުތަކުން އަންހެން މެމްބަރުން އިންތިހާބުކުރަންޖެހޭނެ ދާއިރާތައް ކަނޑައަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ރަސްމިއްޔާތުގެ މާލެ، އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ދާއިރާތަކުގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގެ ގޮނޑިތައް ވަނީ ގުރުއަތުން ނަގައިފައެވެ.

މާލެ ސިޓީގެ ޖުމްލަ 18 ދާއިރާގެ ތެރެއިން ހަ ދާއިރާއެއް އަންހެނުންނަށް ހާއްސަ ކޮށްފައިވާއިރު، އައްޑޫގެ ޖުމްލަ 12 ދާއިރާގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވަނީ ހަތަރު ދާއިރާއެކެވެ. އަދި ފުވައްމުލަކުގެ ޖުމްލަ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއްގެ ގޮނޑި އަންހެނުންނަށް ހާއްސަކޮށް، މިރޭ ވަނީ އިއުލާން ކޮށްފައެވެ.

މާލޭގެ ޖުމްލަ 18 ދާއިރާގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ ދާއިރާތައް:

- މާލެ ސިޓީ ދާއިރާ 2

- މާލެ ސިޓީ ދާއިރާ 4

- މާލެ ސިޓީ ދާއިރާ 9

- މާލެ ސިޓީ ދާއިރާ 12

- މާލެ ސިޓީ ދާއިރާ 14

- މާލެ ސިޓީ ދާއިރާ 18

އައްޑޫގެ ޖުމްލަ 12 ދާއިރާގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ ދާއިރާތައް:

- އައްޑޫ ސިޓީ ދާއިރާ 3

- އައްޑޫ ސިޓީ ދާއިރާ 6

- އައްޑޫ ސިޓީ ދާއިރާ 8

- އައްޑޫ ސިޓީ ދާއިރާ 12

ފުވައްމުލަކުގެ ޖުމްލަ ހަ ދާއިރާގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ ދާއިރާތައް:

- ފުވައްމުލަކި ސިޓީ ދާއިރާ 1

- ފުވައްމުލަކި ސިޓީ ދާއިރާ 4

ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ އަދި ރަށު ކައުންސިލުތަކުން އަންހެނުންނަށް ޖުމްލަ 384 ގޮނޑި ޔަގީންވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.