ޚަބަރު

13 އަހަރުގެ ކުއްޖާގެ މައްސަލައިގައި ހައްމާދުގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި

އާނިފާ ހުސެއިން ސިރާޖް

ކައިވެނީގެ ނަމުގައި އުމުރުން 13 އަހަރުގެ ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ އިސްމާއީލް ހައްމާދުގެ މައްޗަށް ދައުލަތުން ދައުވާކޮށް، ކުރިމިނަލް ކޯޓަށް މިއަދު ފޮނުވައިފިއެވެ.

ރ. މަޑުއްވަރީގައި ކައިވެނީގެ ނަމުގައި އުމުރުން 13 އަހަރުގެ ކުއްޖާއާ ކައިވެނިކޮށް އެކުއްޖާ ވިހެއި މައްސަލައެއް ފެންމަތިވީ، ލަނޑާ ނަގަން ގޮސް އުޅެނިކޮށް ދިމާވި ދީނީ ހިޔާލު ތަފާތުވުންތަކެއްގައި ހައްމާދަށް ބަޔަކު ހަމަލާދިން މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށެވެ. އެ ހަމަނުޖެހުމުގައި ހައްމާދަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލުމާއެކު، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ، 13 އަހަރުގައި ވިހެއި ކުއްޖާގެ ދަރިފުޅުގެ ޑީއެންއޭއާ ހައްމާދުގެ ޑީއެންއޭއާ ދިމާވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހައްމާދަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝާފިއު "ވަން" އަށް މިއަދު ވިދާޅުވީ، ހައްމާދުގެ މައްޗަށް ކޮށްފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ ކަމަށާއި އެ މައްސަލަ މިއަދު ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

ކައިވެނީގެ ނަމުގައި 13 އަހަރުގެ ކުއްޖަކާ "ކައިވެނިކޮށް"، ޖިންސީ ގުޅުން ހިންގި މައްސަލަ ފެންމަތިވުމުން ދައުލަތުން ވަނީ، އެކުއްޖާ އާއި އޭނާގެ ވިހެއި ދަރިފުޅުގެ އިތުރުން 13 އަހަރުގެ ކުއްޖާ ނިސްބަތްވާ އާއިލާގައި ތިބި ހަ ކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށްޓަކައި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.