މާދަމާ ހިފާ އިރުކޭތަ އާއި ގުޅިގެން ކޭތަ ނަމާދު ކުރުމައް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 8:50 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އިރުކޭތައާއި ގުޅިގެން ކޭތަ ނަމާދު ކުރުމައް ހަމަޖައްސާފައިވަނީ ކޮންމެ ރަށެއްގެ ވެސް އެންމެ ބޮޑު މިސްކިތުގައި ކަމަށެވެ. އަދި މާލޭގައި ކޭތަ ނަމާދު ކުރާނީ އިސްލާމި މަރުކަޒާއި މަސްޖިދުލް ބިއްރި އަދި މަސްޖިދުލް އާލްސާނީ (ހުޅުމާލެ)ގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މާދަމާ ހިފާ އިރުކޭތަ ރާއްޖެއަށް ފެންނާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަހުމަދު މުސްލިމު "ވަން" އަށް މީގެ ކުރިން ވިދާޅުވެފައިވަނީ، އިރުކޭތަ ރާއްޖެއަށް ފެނުނު ނަމަވެސް ފުރިހަމަ އިރުކޭތަ ފެނުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
އެގޮތުން މާދަމާ ރާއްޖެއަށް 6:10 ގައި އިރު އަރާއިރު، އިރުކޭތަ ފެންނާނީ ހެނދުނު 07:40 އިން ފެށިގެން 10:30އާ ހަމައަށް ކަމަށް މުސްލިމު ވިދާޅުވެފައިވެއެވެ.
މިއަހަރުގެ ފަހު އިރުކޭތަ މާދަމާ ހިފާއިރު، ދެން އިރުކޭތައެއް ހިފާނީ އަންނަ އަހަރުގެ ޖޫން 21ގައެވެ. ހަނދުކޭތަ ދެން އެންމެ އަވަހަށް ހިފާނީ ޖެނުއަރީ 10 ގައެވެ.
އިރުކޭތަ ހިފާ ވަގުތު ކޭތަ ބެލުމުގައި ރައްކާތެރިވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން ކޭތަ ހިފާފައި ހުންނަ ވަގުތު ސީދާކޮށް އިރަށް ނުބެލުމަށާއި އިރުކޭތަ ބެލުމަށް ރައްކާތެރި ގޮތް ގޮތަށް ކޭތަބެލުމަށް އެ އޮފީހުން އެދެއެވެ.