ބްރޯޑްކާސްޓިން ކޮމިޝަނުގެ އާ ރައީސާ މަރިޔަމް ވަހީދާ (މަރީ) ހުށަހަޅައި ދިނީ ޓޫރިޒަމް މިނިސްޓްރީގެ ހަފްލާއެއް ކަމަށާއި އެއީ ޕާޓީއެއްގެ ރެލީއެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ، ސަރުކާރުން ރިސޯޓު ތަރައްގީ ކުރުމަށް ނިންމާފައިވާ ރަށްތަކާއި ބިންތައް އިއުލާން ކުރުމަށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު "ބުރަބި"ގެ ނަމުގައި ބޭއްވި ހަފުލާ މަރީ ހުށަހަޅައިދިނުމުން، އޭނާއަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އެ ފާޑުކިޔުންތައް މަރީއަށް އަމާޒުވީ، މީގެ ކުރިން ބްރޯޑްކޮމްގެ ބައެއް މެންބަރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޭއްވި ބައެއް ހަފުލާތައް ހުށަހަޅައިދިނުމުން މިހާރުގެ ސަރުކާރަށް ނިސްބަތްވާ ވަރަށް ގިނަ ބަޔަކު ފާޑުކިޔުމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، "ބުރަބި" ހަފްލާ މަރީ ހުށަހަޅައިދިނުމަކީ މައްސަލައެއް ނޫން ކަމަށާއި އެތިކަލް ކޯޑް އޮފް ކޮންޑަކްޓުން މިނިސްޓްރީގެ އިވެންޓު މަރީ ހުށަހަޅާ ދިނުމަކީ އެކޮންޑަކްޓާ ހިލާފު ކަމެއްކަން އެނގެން ނެތް ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ސިޔާސީ ޕާޓީ ޖަލްސާގައި ގޮނޑި ޖަހަން ތިބި މީހުންނާއި ރާއްޖޭގެ އެންމެ ބޮޑު އިގުތިސާދީ މަސައްކަތުގެ ގާލާ އިވެންޓުގެ ޕްރެސެންޓަރެއްގެ މަސައްކަތް އެއްވަރު ކުރުމުން ހިތާމަ ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއީ އޭނާ އަމިއްލައަށް ދެކިވަޑައިގަންނަވާ ގޮތް ކަމަށާއި ނަމަވެސް އެކަމުގައި މުހިންމީ ރައްޔިތުން ދެކޭ ގޮތް ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ހަފްލާއެއް މަރީ ހުށަހަޅައިދިނުމަކީ ކޮންކަހަލަ ކަމެއްކަން މަޖިލީހުން ނުނިންމަނީސް، އަދި އެފަދަ މަގާމެއްގައި ހުންނަވާ ބޭފުޅަކު އަމަލުކުރާނެ ވަކި ގަވައިދެއް އެކުލަވާ ނުލަނީސް ޓޫރިޒަމްގެ އިވެންޓެއް ހުށަހެޅުމުގެ ފުރުސަތު އެއްވެސް މުއައްސަސާއެއްގައި ހުންނެވި ބޭފުޅަކަށް ނުދޭނެ ކަމަށެވެ.
ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ފަސް އަހަރުގެ ދައުރު މަރީއަށް ފުރިހަމަ ނުކުރެވިއްޖެނަމަ އެކަމާ ހިތާމަ ކުރައްވާނެކަން ފާހަގަކުރައްވާ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިނިސްޓްރީގެ އިވެންޓަކާ ގުޅިގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބުމީ އެދޭ ކަމެއް ނޫން ކަމަށެވެ. އަދި މިނިސްޓްރީ ހިންގަމުން އަންނަނީ ވަކި ސިޔާސީ "އައިޑިއޮލޮޖީ"އަކަށް ވިސްނުމެއް ނެތި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.